ރައްޔިތުންނަށް ތަފާތު އެކި ކަހަލަ ވައުދުތައް ވަމުން ދާއިރު ސަރުކާރަށް ފުއްދޭ ވަރުގެ ވައުދު ވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަޖެޓާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ވައުދުވާއިރު ކުރެވޭ ވަރުގެ ކަންތައް ތަކާއި ނުކުރެވޭ ވަރުގެ ކަންތައްތައް ހުންނާނެ ކަމަށެވެ.

މޫސަވަނީ މިއަދުގެ ޖަލްސާގައި ސަރުކާރުން ވެފައިވާ ވައުދުތަކަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުން ގާތު ވެފައިވާ ވައުދުތަކާއި ކޮށްދޭން ބުނި ކަމެއް ނަމަ އެކަމެއް ލަސްނުކޮށް ކޮށްދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު މިއަދުގެ ސަރުކާރަށް ދަންނަވާލަން އޮތީ ވައުދު ވަންޏާ ވާށޭ ފުއްދޭ ވަރުގެ ވައުދު. ބެޔަސް ނުބެޔަސް ދިހަ ހާސް ރުފިޔާ އާއި ދަނޑުވެރިންނަށް އަށް ހާސް ރުފިޔާ ދޭން ބުނިއްޔާ ރައްޔިތުންނަށް އެ ފޯރުކޮށްދޭށޭ." މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދިން މެނިފެސްޓޯ އާއި އަދި އެމްޑީޕީގެ ސަރުކާރުގައި ހުށައެޅި ބަޖެޓަކީ ސީދާ ރައްޔިތުންނާ ގުޅުން ހުރި އެއްޗެއް ކަމަށެވެ. މޫސަ ވިދާޅުވީ އެމްޑީޕީން ވެރިކަމުގައި ތިބި އިރު ރައްޔިތުން ގާތު ވެފައިވީ ވައުދެއް ނަމަ އެކަން އޮންނާނީ ކޮށްފައި ކަމަށެވެ.

"އާދެ! އަޅުގަނޑު ތަކުރާރުކޮށް މިދަންނަވަނީ ރައީސް ޔާމީނަށް ވައުދެއް ވެއްޖިއްޔާ އެވައުދެއް ފުއްދަވާށޭ. ޕީޕީއެމްގެ މެމްބަރުންނަށް ވެސް މިދަންނަވަނީ ވައުދެއް ވެއްޖިއްޔާ އެވައުދެއް ރައްޔިތުންނަށް ފުއްދައިދެއްވާށޭ. އަޅުގަނޑުމެން ކަހެރުވަކެކޭ ނުކިޔަމޭ. އަޅުގަނޑުމެން ބުނިކަމެއް ވިއްޔާ އޮންނާނީ ކޮށްފައޭ." މޫސަގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ބަޖެޓަށް ވޯޓު ދެއްވާއިރު ކޮންމެ މެމްބަރަކު ވެސް ވިސްނާނީ އެމެންބަރެއްގެ ދާއިރާ އަށް ނުވަތަ ދާއިރާގެ ރައްޔިތުންނަށް ކަމަށެވެ. އަދި އެކަމުގައި ވަކި ކުލައެއް ބެލުމެއް ނޯންނާނެ ކަމަށް ވެސް މޫސަގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފަ އެވެ.