ދިވެހި ރާއްޖޭގެ އާބާދީ ތިންލައްކަ ސާޅީސް އެއް ހާސް ދުއިސައްތަ ފަންސާސް ހަޔަކަށް އަރައިފި ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.

ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ވަގުތީ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 399،939 މީހުން ދިރިއުޅޭއިރު އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 341256 މީހުންނެވެ. 2006 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާގޮތުން އޭރު ދިވެހިންގެ އާބާދީއަކީ 298،968 އެވެ. އެހެންކަމުން ދިވެހިންގެ އާބާދީ މިހާރު އިތުރުވެފައިވާ ނިސްބަތަކީ 1.56 ކަމަށް ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ދިވެހިންގެ ޖިންސުގެ ނިސްބަތުން ކޮންމެ 100 އަންހެނަކަށް 103 ފިރިހެނުން އެބަތިއްބެވެ.

މިއަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ވެރިރަށް މާލޭގައި 153،379 މީހުން ދިރިއުޅޭއިރުކަމަށް ދައްކާއިރު އޭގެތެރެއިން 133،019 މީހުންނަކީ ދިވެހިންނެވެ. ރާއްޖޭގެ މުޅި އާބާދީއަށް ބަލާއިރު 39 ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގައެވެ. 2006 ވަނަ އަހަރާއި މިއަހަރާ ދެމެދު މާލޭގެ އާބާދީ 2.93 ޕަސެންޓް އިތުރުވެފައިވާއިރު އެންމެ ގިނަ މީހުން އިތުރުވެފައިވަނީ ހުޅުމާލެއަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އަތޮޅުތެރޭގެ އާބާދީއަކީ 246،560 މީހުންނެވެ. އޭގެ ތެރެއިން 208،237 މީހުންނަކީ ދިވެހިން ކަމުގައިވައިރު 2006 ވަނަ އަހަރަށްވުރެ 0.76 ޕަސެންޓް އަތޮޅު ތެރޭގެ އާބާދީ ވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ ތަނުގައި އެންމެ އާބާދީ އިތުރުވެފައިވަނީ އދ. އަތޮޅާއި އއ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ. އާބާދީ އެންމެ ދަށްވެފައިވަނީ ހއ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅެވެ. އަތޮޅުތެރޭ އާބާދީއަށް ބަލާއިރު ކޮންމެ 100 އަންހެނަކަށް 106 ފިރިހެނުން އެބަތިއްބެވެ.

އާބާދީގެ ނިސްބަތުން އާބާދީގެ 57 ޕަސެންޓް މީހުން ރަށްރަށުގައި ދިރިއުޅޭއިރު 3.35 ޕަސެންޓް މީހުން ދިރިއުޅެނީ ރިސޯޓްތަކުގައެވެ.

މިއީ ބިދޭސީން ހިމަނައިގެން ފުރަތަމަ ކުރިއަށް ގެންދިޔަ ބޯހިމެނުން ކަމުގައިވާއިރު މި ބޯހިމެނުގައި ނެގިފަިއވާ ބިދޭސީންގެ އާބާދީގެ އަދަދު މަދުކަން ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެއެވެ. އެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި ދިރިއުޅެނީ 58،683 ބިދޭސީންނެވެ.