ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަށް އަންނަ އަހަރު ސަރުކާރުން ލަފާ ކޮށްފައިވާ ބަޖެޓަށް 532 މިލިއަން ރުފިޔާ އިތުރުކުރުމަށް ސަރުކާރާ އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ.

އަންނަ އަހަރު އެޑިއުކޭޝަން ދާއިރާއަށް ސަރުކާރުން ލަފާ ކުރާ ބަޖެޓުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެމްޑީޕީގެ ތައުލީމާއި ހުނަރުގެ ކޮމެޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ޝިފާ މުހައްމަދު ވިދާޅުވީ، ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މުސާރައާއި އިނާޔަތުގެ ތެރެއިން 532 މިލިއަން ރުފިޔާ ބޭނުންވާ ކަަމަށެވެ.

"އަޅުނގަޑުމެން ޓީޗަރުންގެ މުސާރައާ ގުޅިގެން އަމިއްލަ ސާވޭ އެއްވެސް ހެދިން. އަދި ޓީޗަރުންގެ އެސޯސިއޭޝަނާވެސް ބައްދަލުކޮށް މަޝްވަރާކުރިން. އަޅުނގަޑުމެން މި ހުށަހަޅާ 532 މިލިއަން ރުފިޔާއަކީ އެހެން ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ އެއްވަރަށް މުސާރަ ގެނައުމަށް ބޭނުންވާ އަދަދު،" ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ، ސަރުކާރުގެ އާމްދަނީ ރަނގަޅުވުމުން ޓީޗަރުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީނާއި ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް ވިދާޅުވި ނަމަވެސް އެކަމަށް ހައްލެއް ހޯދައިދިނުމަށް ބަޖެޓުގައި ހިމަނާފައިނުވާ ކަމަށެވެ.

"2015 އަހަރުގެ ބަޖެޓުގައި މިދިޔަ އަހަރާ އަޅައިބަލާއިރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 12 ޕަސެންޓަށް އަދި މުޅި އިގްތިސާދު 10.5 ޕަސެންޓަށް ކުރި އަރާނެ ކަމަށް ލަފާ ކޮށްފައިވޭ. ނަމަވެސް ޓީޗަރުންގެ އުޖޫރައަށް ރަނގަޅު ހެޔޮ ބަދަލެއް ގެނައުމަށް ބެޖެޓުގައި ހިމަނާފައެއް ނެތް،" ޝިފާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގުުރުއާނާއި އަރަބި ބަސް ކިޔަވައިދޭން މި ސަރުކާރުން ވި ވައުދަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ވަގުތީ ޓީޗަރުން ބޭނުންކޮށްގެން ފެށި އެ ދެ ޕްރޮގްރާމް ވެސް މިހާރު ހުއްޓިފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އަރަބި ބަސް ކިޔަވައިދޭނެ ޓީޗަރުންނާއި ގުރުއާން ކިޔަވައިދޭނެ ޓީޗަރުން އުފެއްދުމަށްޓަކައި ފައިސާ ހިމަނާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގުރުއާނާއި އަރަބި ބަސް ކިޔަވައިދިނުމަށް ބޭނުންވާ މުދައްރިސުން ތަމްރީނުކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގާ އެ ޕްރޮގްރާމަށް 4095400 ރުފިޔާ ބަޖެޓަށް އިތުރުކުރަން ގޮވާލަން،" ޝިފާ ވިދާޅުވި އެވެ.

އެ ޕްރެސް ކޮންފަރެންސްގައި މީޑިއާއާ ވާހަކުފުޅުދައްކަވަމުން ޕޮލިޓެކްނިކް އުފެއްދުމުގެ ސްޓިއަރިން ކޮމެޓީގައި ހިމެނިވަޑައިގަތް ޝަފީއާ ޒުބެއިރު ވިދާޅުވީ، ޒުވާނުންނަށް 95000 ވަޒީފާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެމުން އައި މި ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ޒުވާނުންގެ ކުރިއެރުމަށް އެއްވެސް ވަރަށް އިސްކަމެއް ދީފައިނުވާ ކަމަށެވެ.

އެގޮތުން ވަޒީފާއަށް މީހުން ތަމްރީން ކުރުމަށް ޕޮލިޓެކްނިކްގައި ކަނޑައަޅާފައި ބަޖެޓާއި ޓިވެޓް ޕްރޮގްރާމަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޒުވާނުންނަށް ތަމްރީންތަކެއް ހިންގުމަށް ބީޓެކް އަދި ދަސްވާރު ޕްރޮގްރާމްތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެއްނުވޭ. ޕޮލިޓެކްނިކް ވަރުގަދަކުރުމަށް ފަންނީ ތަމްރީނުގައި ޕީޕީޕީ ހިންގަން ހުށަހަޅަން. ޕޮލިޓެކްނިކަށް 12 މިލިއަން ރުފިޔާ ޓިވެޓް އޮތޯރިޓީއަށް ފަސް މިލިއަން ރުފިޔާ އިތުރުކުރުމަށާއި ޕީޕީީޕީގެ ދަށުން 10 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނަން ގޮވާލަން،" ޝަފީއާ ވިދާޅުވި އެވެ.

އެޑިއުކޭޝަން ދާއިރާގެ މެނިފެސްޓޯއާއި އެ ދާއިރާއަށް އަންނަ އަހަރު ކަނޑައަޅާފައިވާ ބަޖެޓާ ދިމާނުވާ ކަމަށް ފާހަގަކުރައްވާ ކުރީގެ ރައީސް ނަޝީދުގެ އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ، އަންނަ އަހަރު ހިންގަން ނިންމާފައިވާ ޕްރޮގްރާމުތަކުގެ ތަފްސީލު، ބަޖެޓުގައި ނެތުމުން ތައުލީމީ ދާއިރާއިން އަންނަ އަހަރު ހާސިލުކުރަން ބޭނުންވަނީ ކޮން ކަންތައްތަކެއް ކަން ސާފުނުވާ ކަމަށެވެ.