މެލޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ބިދޭސީ ފުޓްބޯޅަ ކުޅުންތެރިއާ (ބެސްޓް އިމްޕޯޓް ޕްލޭޔަރ) މަޤާމް އެގައުމުގެ ޕްރިމިއާ ލީގު ޗެމްޕިއަން ޕޮލިސް ޑި ރާޖާ މެލޭޝިއާ (ޕީޑީއާރްއެމް) އަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާޤް (ދަނގަޑޭ) އަށް މިދިޔަ ބުރާސްފަތި ދުވަހު ލިބިއްޖެ އެވެ.

މެލޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ދޭ މި އެވޯޑް ދަނގަޑޭ ހާސިލްކުރީ ޕީޑީއާރްއެމް އާ ގުޅުމަށްފަހު އެޓީމުގެ ޖާޒީގައި މޮޅު ކުޅުމެއް ދެއްކުމައްފަހު އެވެ. ޕީޑީއާރްއެމް އާއެކު ދަނގަޑޭ ހޭދަކުރި ފުރަތަމަ ސީޒަންގައި އޭނާ ވަނީ އެޓީމަށް ގިނަ ގޯލްތަކެއް ޖަހައި، އެސިސްޓްކޮށްދީ އެގައުމުގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތި (ސުޕަ ލީގް)އަށް އެޓީމު ގެންގޮސްދިނުމަށްޓަކައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.

ދަނގަޑޭ ވަނީ ޕީޑީއާރްއެމް އަށް އެގައުމުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީ ފުރަތަމަ ޑިވިޝަނަށް އެޓީމް ޕްރޮމޯޓް ކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. އެޓީމަށް ކުޅެދިން މެޗުތަކުގައި ދަނގަޑޭ މިހާތަނަށް ޖުމްލަ 26 ގޯލް ކާމިޔާބުކޮށްދީފައިވާއިރު މީގެތެރެއިން 18 ގޯލަކީ މިދިޔަ ސީޒަންގައި އެގައުމުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކަމަށްވާ މެލޭޝިއަން ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބުކުރި ގޯލެވެ.

މީގެ އިތުރުން ދަނގަޑޭ ވަނީ މެލޭޝިއަން ކަޕުގެ ކުއާޓާ ފައިނަލަށް ޕީޑީއާރްއެމް ގެންގޮސްދިނުމުގައިވެސް ބޮޑު ރޯލެއް އަދާކޮށްފަ އެވެ. އޭނާ އެ މުބާރާތުގައި ޖުމްލަ ހަތް ގޯލް އެޓީމަށް ކާމިޔާބުކޮށްދިން އިރު ދަނގަޑޭ ވަނީ މިސީޒަންގެ މެލޭޝިއަން އެފްއޭ ކަޕުގައިވެސް ޕީޑީއާރްއެމް އަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ.

މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް މިފަދަ އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑެއްގެ ގޮތުގައި ގިނަބަޔަކު ޤަބޫލްކުރާ ދަނގަޑޭ ވަނީ މީގެކުރިން ރާއްޖޭގެ ފުޓްބޯޅައިގަވެސް ގިނަ ރެކޯޑުތަކެއް ގާއިމްކޮށް ގިނަ އެވޯޑްތަކެއް ހާސިލްކޮށްފަ އެވެ.