ވިޔަފާރިވެރިންގެ ޖަމިއްޔާ އިން އިންތިޒާމު ކުރަމުން އަންނަ ނައިޓް މާކެޓު ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ހުއްދަ ދޭގޮތަށް އެ ކައުންސިލުން ނިންމާފައި ވަނިކޮށް މީގެ ފަހުން ނައިޓް މާކެޓުތައް ބޭއްވުމަށް ހުއްދަދޭނީ އިކޮނޮމިކް މިނިސްޓަރީ އިން ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މާލޭ ސިޓީ ކައުންސިލުން ކުރިން ދެމުން ގެންދިޔަ، ކާނިވާތައް ބޭއްވުމަށާއި ފަންފެއާތަކުގެ އިތުރުން ޕްރޮމޯޝަން ފެއާ އާއި ނައިޓްމާކެޓް ފަދަ ކަންކަން ބޭއްވުމުގެ ހުއްދަ މީގެ ފަހުން ދެމުންގެންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަމަށެވެ.

އެފަދަ ކަންކަން ބޭއްވުމަށް އެދެންޖެހޭނީ ފޯމަކުން ކަމަށާއި އެފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާ އިން އަމިއްލެ އަށް އިންތިޒާމްކޮށްގެން އެތައް އަހަރަކު ބާއްވަމުން ގެންދިޔަ ނައިޓް މާކެޓް ބޭއްވޭނީ ސިޓީ ކައުންސިލުން ހުއްދަދޭ ފަރާތަކަށް ކަމަށް ބުނެ ނައިޓް މާކެޓު ބޭއްވުން އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމުން ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް އެހަރަކާތް މިހާރު ނުހިންގެ އެވެ.