13 Nov 2014, 13:59
ހއ. އުތީމު ސްކޫލަށް މީހަކު ހަދިޔާކުރި ލެޕްޓޮޕެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އުތީމު ސްކޫލްގެ ޕްރިންސިޕަލާއި އެ އަތޮޅު މާރަންދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރުކޮށްފި އެވެ.
މާރަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާފިއު މިއަދު ސަން އަށް ވިދާޅުވީ އުތީމު ސްކޫލްގެ ޕްރިންސިޕަލް އެ ލެޕްޓޮޕް ނެގުމަށް ފަހު ފޮނުވީ މާރަންދޫ ސްކޫލްގައި މަސައްކަތް ކުރާ އިންޑިއާ އަށް ނިސްބަތްވާ ޕްރިންސިޕަލަކަށް ކަމަށެވެ. އަދި އެ ލެޕްޓޮޕް މާރަންދޫ ޕްރިންސިޕަލަށް ފޮނުވުމަށް ފަހު އޭތި މާލެ ފޮނުވުމަށް އުތީމު ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވެފައިވާ ކަމަށް ވެސް ޝާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ދެ ދުވަސް ކުރިން ފެންމަތިވި އެ މައްސަލައާ ގުޅިގެން މާރަންދޫ ސްކޫލްގެ ޕްރިންސިޕަލް ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލައާ ގުޅިގެން އުތީމު ސްކޫލް ގެ ޕްރިންސިޕަލް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.