13 Nov 2014, 13:12
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު ޖެހިގެން އައި ދުވަހު އައްޑޫ ސިޓީގެ ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ދެ މީހަކާ ދެކޮޅަށް ފުލުހުން ހެކިބަސްދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސ. ފޭދޫ ބީޗްވިލާ މުހައްމަދު ސައީދު އާއި އެރަށު ސުވާސާގޭ އަބްދުﷲ ސައީދުއާ ދެކޮޅަށް އެދުވަހު އެތަނުގައި ހަރަކާތްތެރިވި ބައެއް ފުލުހުން ވަނީ ހެކިބަސްދީފަ އެވެ.
ދައުވާ ލިބޭ މުހައްމަދު ސައީދު ކާރެއްގައި ގޮސް ފުލުހުންގެ ޝީލްޑުތަކުގައި ޖައްސައި ޝީލްޑުތައް ފޫއަޅުވާލި ކަމަށް ހަތަރު ފުލުހަކު ވަނީ ހެކިބަސްދީފައެވެ. އޭނައާ ދެކޮޅަށް ހެކިބަސްދިން ފުލުހުން ބުނެފައި ވަނީ އޭނާ ޕޮލިސް ސްޓޭޝަންތެރެއަށް ވަދެގަތްތަން އެމީހުންނަށް ނުފެންނަ ކަމަށާއި އެހެންނަމަވެސް މީހުން ވަން ގަޑީގައި ޕޮލިސް ސްޓޭޝަން ކުރިމަތީގައި އޭނާ ހުރި ކަމަށެވެ.
ތަފާތު އެކިފަހަރުމަތިން ކާރުން ފުލުހުންގެ ޝީލްޑިތަކުގައި ޖެއްސިކަމަށާއި ފުރަތަމަ ބުރުގައި ކާރުން ޖެއްސިއިރު ދުއްވަން އިނީ މުހައްމަދު ސައީދު ކަމަށް ބައެއް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެއް ފުލުހަކު ބުނެފައި ވަނީ ފުލުހުންގެ ޝީލްޑުތަކުގައި ކާރުން ޖެއްސި ހުރިހާ ފަހަރެއްގައި ވެސް މުހައްމަދު ސައީދު ކާރު ދުއްވަން އިންދާ އޭނައަށް ފެނުނު ކަމަށެވެ.
ދައުވާ ލިބޭ އަބްދުﷲ ސައީދު ކާރު ދުއްވަންއިނދެ ފުލުހުންގެ ޝީލްޑުތަކުގައި ކާރުން ޖައްސައި ސަފުތައް ފަޅާލާފައިވާ ކަމަށް ދެ ފުލުހަކު ވަނީ ހެކިބަސްދީފައެވެ.
ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި 35 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު އާއި އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަހްމަދު މިރުޒާދު ވެސް ހިމެނެއެވެ.