ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމަށްފަހު ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން އަލުން އަނބުރާ ކެންޑިޑެސީ ދޭން ޖެހުނު ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދެ މައްސަލައިގައި، އެ ދެ ކެންޑިޑޭޓުންނަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް މިރޭ އެ ކޯޓުން ހުކުމް ކޮށްފި އެވެ.

ސުޕްރީމް ކޯޓުން ކެންޑިޑެސީ ބާތިލް ކޮށްފައި ވަނީ ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން އއ. ހިމަންދޫ ރަށު ކައުންސިލަށް ކުރިމަތިލެއްވި އެރަށު ޖަވާހިރުވާދީ އަސީތު ތައުފީގާއި އއ. ބޮޑުފޮޅަދޫ ކައުންސިލަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި އެރަށު ބަހާރީގެ އަބްދުލްބާރީ ގެ އެވެ.

އަސީތު ތައުފީގަކީ 2003 ވަނަ އަހަރު އިންޖީނެއް ވަގަށް ނެގި މައްސަލައެއްގައި އެއް އަހަރާއި 11 މަސް ދުވަހަށް އަރުވާލުމަށް ހުކުމްކޮށްފައިވާ މީހެކެވެ. އަދި އަބްދުލްބާރީއަކީ 10000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ހިޔާނާތްވި މައްސަލައެއްގައި 1997 ވަނަ އަހަރު ހުކުމްކޮށްފައިވާ މީހެކެވެ.
މީގެ ކުރިން ކެންޑިޑެސީ ބާތިލް ކުރި މައްސަލައިގައި އަސީތު ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެފަހަރު ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވަނީ ކެންޑިޑެސީއާމެދު އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމޭނީ އެޕްލިކޭޝަން ހުށަހަޅުއްވާތާ 48 ގަޑިއިރުގެ ތެރޭގައި ކަމަށެވެ. އޭގެ ފަހުން ކޮމިޝަނުން އެމީހުންނާމެދު ގޮތެއް ނިންމޭނީ ކޯޓަށް ހުށަހަޅައިގެން ކަމަށް ވެސް އޭރު ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެ އެވެ.