13 Nov 2014, 13:07
ކާލޮސް ވެލާގެ ދެލަނޑާއެކު މެކްސިކޯއިން ޔޫރަޕްގެ ގަދަބާރު ނެދަލޭންޑްސްގެ މައްޗަށް ކުރިހޯދައިފި އެވެ. ރޭ ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗް މެކްސިކޯއިން ކާމިޔާބުކުރީ 3-2 ންނެވެ.
ނެދަލޭންޑްސްގެ އެމްސްޓަޑަމް އެރީނާގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީވެސް މެކްސިކޯ އިންނެވެ. މެޗު ފަށައިގެން މާ ގިނައިރުތަކެއްނުވެ އަށް ވަނަ މިނިޓުގައި އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ ހުނަރުވެރި ކުޅުންތެރިއާ ކާލޮސް ވެލާ އެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމާ ދުރުގައި އުޅުމަށްފަހު އެނބުރި އައިސް ވެލާ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މިޑްފީލްޑަރު ވެސްލީ ޝްނައިޑާގެ ލަނޑުން ނެދަލޭންޑްސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިނަމަވެސް 62 ވަނަ މިނިޓުގައި ވެލާ އަދި 69 ވަނަ މިނިޓުގައި ހާވިއާ ހާނަންޑެޒް ވަނީ ލަނޑުޖަހައި މެކްސިކޯ އަށް ނަތީޖާ ފުޅާކޮށްދީފަ އެވެ.
މެޗުގެ 74 ވަނަ މިނިޓުގައި ބްލައިންޑް ކާމިޔާބުކޮށްދިން ލަނޑާއެކު ނެދަލޭންޑްސް އިން މެޗު އަނބުރާލަން މަސަތްކަތް ކުރިނަމަވެސް އެޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ވަނީ ނުވެފަ އެވެ.
މެޗުގައި ދެޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައިވެ އެވެ. މިގޮތުން ފުރަތަމަ ހާފުގައި ވެލާގެ ފޮނުވާލި ދެހަމަލާއެއް ނެދަލޭންޑްސްގެ ކީޕަރު ދިފާއުކުރިއިރު ހާނަންޑެޒް ފޮނުބާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
މިއަހަރު ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑް ކަޕުގެ ދެވަނަ ބުރުގު މެޗުގައި މިދެޓީމް ވާދަކޮށްފައިވާއިރު އެފަހަރު ކުރިލިބުނީ ނެދަލޭންޑްސް އަށެވެ.