ނ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް 'ބީ'ގެ ޅޮހީ ޒުވާނުންގެ ކްލަބާ ވާދަކޮށް ކުޑަފަރީ ޔޫތު މޫވްމެންޓް ބަލިވެ މުބާރާތުން ކެޓުމާއެކު ޅޮހީ ޓީމާއި މަނަދޫ ޒުވާނުންގެ ގުޅުން ސެމީފައިނަލަށް ގޮސްފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުން ކުޑަފަރީ އަތުން ޅޮހީ މޮޅުވެފައިވަނީ 1-2 ލަނޑުންނެވެ.

ހޮޅުދޫ ދަނޑުގައި ކުޅުނު އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޅޮހީ ޓީމުގެ ލަންދޫއަށް ނިސްބަތްވާ ކުޅުންތެރިޔާ ހުސައުބް ޞަބަހް އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މާދަމާ ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް 'އޭ'ގެ އެއްވަނަ ހޯދި ހޮޅުދޫ ބޭސް އާއި ގްރޫޕް ބީގެ ދެވަނަ މަނަދޫ ޒުވާނުންގެ ގުޅުމެވެ. ސެމީގެ ދެވަނަ މެޗުގައި ޅޮހީ ޒުވާނުންގެ ކްލަބާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ ބައްދަލު ކުރާއިރު މި މެޗު ކުޅޭނީ ހޮނިހިރު ދުވަހު އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް 'އޭ'ގައި ހިމެނެނީ ވެލިދޫ ކްލަބު އެމުނި އާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އަދި ހޮޅުދޫ ބޭސް އެވެ. އަދި ގްރޫޕް 'ބީ'ގައި ހިމެނެނީ މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓް އަދި ޅޮހީ ޒުވާނުންގެ ކްލަބް އެވެ.