13 Nov 2014, 12:53
ޓީޓީ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 54 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ސިންގަލްސް ޗެންޕިއަންކަން މޫސާ މުންސިފް އަދި އަންހެން ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން މުއީނާ މުހައްމުދު ހޯދައިފި އެވެ.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބްލްސް ޗެންޕިއަންސްކަން ހޯދި ޓީމުގައިވެސް މުންސިފް ހިމެނިފައި ވާއިރު، ފުރަތަމަ ޑިވިޝަންގެ ސިންގަލްސް ޗެންޕިއަންކަން އޭނާ ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި މައިޒަރު އާދަމް ޒާހިރާ ބައްދަލުކޮށް ސީދާ ހަތަރު ސެޓު ކާމިޔާބު ކޮށްގެނެވެ.
ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް ފައިނަލް މެޗު ރޭ މުއީނާ ކާމިޔާބުކުރީ ފާތިމަތު ޖުމާނާ ނިމާލާ ވާދަކޮށް ހަތަރު ސެޓުގު ތެރޭން ދެ ސެޓު ކާމިޔާބުކޮށްގެންނެވެ.
މި މުބާރާތުގައި ރޭ ވަނީ ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ފައިނަލް މެޗާއި ދެވަނަ ޑިވިޝަންގެ ފިރެހެން ޑަބަލްސް ފައިނަލް މެޗުވެސް ކުޅެފައެވެ.
އެގޮތުން ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެންޕިއަންކަން މުއީނާ މުހައްމަދު އާއި އައިޝަތު ނިޝާ ހޯދާފާއި ވަނީ ފައިނަލްގައި ފާތިމަތު ޖުމާނާ ނިމާލް އާއި މަރިޔަމް ޝަފީގް އާއި ބައްދަލުކޮށް ތިން ސެޓް ދެ ސެޓުން މޮޅުވެގެން އެވެ.
އަދި ދެވަނަ ޑިވިޝަންގެ ފިރެހެން ޑަބަލްސް ޗެންޕިއަންކަން އަހްމަދު ޝާޒިލް އާއި އަބްދުﷲ ޝަރީފް ހޯދާފައި ވަނީ ފައިނަލްގައި އިބްރާހިމް ޝަފީން އާއި އަލީ ސުޖާއު އާ ބައްދަލުކޮށް ތިން ސެޓް ގެ ތެރޭން ދެ ސެޓުން ކާމިޔާބު ކޮށްގެނެވެ.
މި މުބާރާތުގެ ފުރަތަމަ ޑިވަޝަންގެ އަންހެން ޓީމް އިވެންޓްގެ ފައިނަލް މެޗު މިއަދު ކުޅެން ވަނީ ހަމަޖެހިފައެވެ. ބަނޑޮސް ޓީމާއި ސްޕޯރޓްސް ކްލަބް ގުޑީސް ބައްދަލު ކުރާ މި މެޗު ކުޅެން ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައެވެ.