ލިއޮނެލް މެސީއާ އެކީ ކުޅެން ފުރުސަތު ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވަޑް ކާލޮސް ޓެވެޒް ބުނެފި އެވެ.

އިޓަލީގެ ސެރިއޭގައި ކުޅެމުން އަންނަ ފޯވަޑް ބުނީ، މެސީ އަކީ ދުނިޔޭގެ އެއްވަނަ ކަމަށާއި އޭނާއާ އެކީ ކުޅެން ފުރުސަތު ލިބުމަކީ ކޮންމެ ކުޅުންތެރިއަކަށްވެސް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ. އަދި މެސީގެ ކިބައިގައި ހުރީ އާދަޔާ ޚިލާފް ހުނަރުތަކެއް ކަމަށާއި މެސީއާ އެއްފެންވަރެއްގެ ކުޅުންތެރިއެއް ނެތް ކަމަށްވެސް ޓެވެޒް ބުންޏެވެ.

" މެސީ އަކީ އެއްވަނަ. އޭނާ ފަދަ ދެވަނަ ކުޅުންތެރިއަކު ނެތް. އަހަރެންނަށް ހީވަނީ މިވާހަކަތައް ވަރަށް ގިނަފަހަރު ދެކެވިއްޖެހެން. އަބަދުވެސް އެއްވާހަކައެއް މިދެއްކެނީ. މެސީގެ މޮޅުވާހަކަ. އޭނާ އާއެކު ކުޅެން ފުރުސަތު ލިބުމަކީ ކޮންމެ ކުޅުންތެރިއަކަށްވެސް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން،" ޓެވެޒް ބުންޏެވެ.

އުމުރުން މިހާރު 30 އަހަރުގެ ޓެވެޒް ވަނީ ތިން އަހަރުގެ މެދު ކެނޑުމަކަށްފަހު އަލުން ގައުމީ ޓީމުން ޖާގަ ހޯދާފަ އެވެ. އާ ކޯޗު ޖެރާޑޯ މާޓިނޯ ޓީމާ ހަވާލުވުމަށްފަހު ޓެވެޒްއަށް ޓީމުން ޖާގަދިން އިރު ނިމިގެންދިޔަ ވޯލްޑް ކަޕުގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިން މެނޭޖަރު އެލެސާންޑްރޯ ސަބެއްލާގެ ކޯޗުކަމުގެ ދަށުގައި ޓެވެޒް އަށް އެއްވެސް ގޮތަކަސް ފުރުސަތު ލިބިފައެއްނުވެ އެވެ.

އާޖެންޓީނާއަށް މިހާތަނަށް 60 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ފޯވަޑް ބުނީ ދިގު މުއްދަތަކަށްފަހު އަލުން ޓީމުން ޖާގަ ލިބުމުން ވަރަށް އުފާވާކަމަށާއި އަދި ކެރިއަރުގެ މިހާ ހިސާބުގައި ގައުމީ ޓީމަށް ކުޅެން ފުރުސަތު ލިބުމުން އެކަން ވަރަށް މުހިއްމުކޮށް ބަލައިގަނެ ގައުމީ ޓީމުގެ ޖާޒީގައި ކުރިއެރުންތަކެއް ހޯދަން ހިތްވަރާއެކު މަސަތްކަތްކުރާނެ ކަމަށެވެ.

މިހަފްތާގައި ބައިނަލްއަގުވާމީ ރަޙުމަތްތެރިކަމުގެ މެޗުތަކެއްގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ ދެކޮޅަށް އާޖެންޓީނާ ނުކުންނައިރު މި މެޗުތަކުގައި ގިނަދުވަސްތަކަކަށްފަހު ޓެވެޒް އާއި މެސީ އެއްފަހަރާ ދަނޑުމަތިން ފެނިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.