އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައިވާ ސިޔާސަތުތަކަށް ޖުމްލަ ގޮތެއްގައި ތާއީކުރާ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުނެފި އެވެ.

އެ ޖަމިއްޔާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާއިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައި ޑެފިސިޓް ފައިނޭންސް ކުރުމަށް ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި ހަމައެއާ އެކު ސަރުކާރުގެ ވިސްނުން ހުރީ އާމްދަނީ ހޯދައިގެން އާމްދަނީ އިން ޓެކްސް އިތުރު ކުރާ ގޮތަށް ކަމަށާއި އެ ސިޔާސަތަށް އެ ޖަމިއްޔާ އިން ތާއީދުކުރާ ކަމަށް އާސިފު ވިދާޅުވި އެވެ.

"ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ވޭތުވެ ދިޔަ ދެ އަހަރު ވެސް އެންމެ ކަންބޮޑުވީ ޑޮލަރު އޭގެ ހަމަ އަގުގައި ނުލިބުން. އެހެންނަމަވެސް އެކަން މިހާރު މިވަނީ ހަމައަކަށް އެޅިފައި. ދެން ސަރުކާރުން މިހާރު ހުށައަޅާފައި ހުރި ބަޖެޓަށް ބަލާލާ އިރު ސަރުކާރުގެ ވިސްނުމެއް ނެތް ޑެފިސިޓް ފައިނޭންސްއެއް ހަދާކަށް." އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރެއް ހިންގޭނީ ޓެކްސް ނަގައިގެން ކަމަށާއި އެހެން ނޫނީ ރައްޔިތުންނަށް ސަރުކާރުން ދޭން ބޭނުންވާ ހިދުމަތްތަކެއް ނުދެެވޭނެ އެވެ. މީގެ ކުރީގެ ބަޖެޓްތަކާއި މިފަހަރުގެ ބަޖެޓާ އަޅާ ކިއާލަމުން އާސިފް ވިދާޅުވީ ކުރިއަށް ރާވާފައި ހުރި މަޝްރޫއުތަކާއި އަންނަ އަހަރުގެ ބަޖެޓްގައި ހުރީ ވަރަށް ބޮޑަށް ގުޅި ލާމެހިފައި ކަމަށެވެ.

"ޓެކްސް ނަގާގެން ނޫނިއްޔާ ދޭން ބޭނުންވާ ސާވިސްއެއް ނުދެވޭނެ. ހަމައެއާ އެކު ސަރުކާރެއް ނުވެސް ހިންގޭން ޓެކްސް ނުނަގާ ކަމަށްވަންޔަކާއެއް. ދެން ސަރުކާރުން ކުރިއަށް ރާވަފައި ހުރި މަޝްރޫއުތަކާއި އަޅުގަނޑުމެންގެ މި ބަޖެޓާ މިވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައި،" އާސިފް ވިދާޅުވި އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ރާވަފައި ހުރި ކަންކަމުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން މިހާރު ނަގާ 150 ޕަސެންޓް ޑިއުޓީ 300 ޕަސެންޓަށް ބޮޑު ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. ކާރާއި އެ ނޫން ވެސް އެެފަދަ ވެހިލކަލްތަކުން މިހާރު ނަގާ 100 ޕަސެންޓް ޑިއުޓީ ވެސް 150 ޕަސެންޓަށް ބޮޑުކުރުމަށް ނިންމާފައިވާ އިރު ސުން ރޭޓުން މިހާރު ޑިއުޓާ ނަގާ ސެންޓުން ވެސް ކުރިއަށް އޮތްތަނުގައި 10 ޕަސެންޓުގެ ޑިއުޓީއެއް ނެގުމަށް ވަނީ ބަޖެޓްގައި ހިމަނައިފަ އެވެ.