އިންޑިއާގެ ވެރިރަށް އާ ދިއްލީގައި މިއަދު ފަށާ ސައިބަރ ސެކިއުރިޓީ ކޮންފަރެންސްގައި ތަގުރީރުކުރައްވާ ތަޖުރިބާކާރުންގެ ތެރޭގައި އުމުރުން އެންމެ އަށް އަހަރުގެ އިންޑިއާ ދަރިކޮޅުގެ ސީއީއޯއެއް ހިމެނޭ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.

"ގްރައުންޑް ޒީރޯ ސަމިޓް" އިންތިޒާމް ކުރާ ފަރާތާ ހަވާލާދީ އެންޑީ ޓީވީ އޮންލައިންގައި ބުނެފައި ވަނީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ވީކޭ ސިންގް ވެސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސްގައި އެމެރިކާގެ ގޭމިން ފާމެއް ކަމަށްވާ "ޕްރޫޑެންޓް ގޭމްސް"ގެ ސީއީއޯ، އުމުރުން އެންމެ އަށް އަހަރުގެ ރޫބެން ޕައުލް ވާހަކަފުޅުދައްކަވާނޭ ކަމަށެވެ.

އެމެރިކާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ތުއްތު ސީއީއޯގެ ވާހަކަފުޅުގައި، މި ޖީލުގެ ކުދިންނަށް ސައިބާ ސެކިއުރިޓީގެ ހުނަރުތައް އުނގަންނައިދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވުމުގެ އިތުރުން ސައިބަ ސެކިއުރިޓީ ތަރައްގީކުރުމުގެ މުހިއްމުކަން އަންގައިދޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާނޭ ކަމަށް ވެސް ސަމިޓް އިންތިޒާމް ކުރާ ފަރާތާ ހަވާލާދީ އެންޑީޓީވީން ބުނެ އެވެ.

"ހޮސްޓަން ސެކިއުރިޓީ ކޮންފަރެންސްގައި އުމުރުން އަށް އަހަރުގެ ސީއީއޯ ވާހަކަފުޅުދައްކަވާނެ،" އިންތިޒާމް ކުރާ ފަރާތްތަކުން އެންޑީޓީވީ އަށް ބުންޏެވެ.

"އަޅުގަނޑު ކޮމްޕިއުޓަރު ލޭންގުއޭޖް ދަސްކުރާން ފެށީ މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރީން. މިހާރު އަޅުގަނޑު އަމިއްލަ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކުރަން،" ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ރޫބެން ވިދާޅުވި އެވެ.

ކޮމްޕިއުޓަރުގެ އިލްމުން އާދަޔާހިލާފް ހުނަރު ލިބިފައިވާ ކުޑަކުޑަ ސީއީއޯއަށް ކޮމްޕިއުޓަރު ޕްރޮގްރާމިން ލޭންގުއޭޖް އުނގައްނައިދެނީ އޭނާގެ ބައްޕަ، މަނޯ ޕައުލް އެވެ. ރޫބެންއަށް މީގެ ދޮޅު އަހަރު ކުރިން ފެށިގެން 'އޮބްޖެކްޓް ސީ' ޕްރޮގްރާމިން ލޭންގުއޭޖު ދަސްކޮށްދިނުމަށް ފަހު، މިހާރު ކުރިއަށް ގެންދަނީ، އެޕަލް އައިއޯއެސްއަށް ސޮފްޓްވެއާ އުފެއްދުމަށް ހާއްސަ 'ސްވިފްޓް' ލޭންގުއޭޖް ދަސްކޮށްދިނުމުގެ މަސައްކަތެވެ.

ރޫބެންގެ ބައްޕަ، މަނޯ ޕައުލްއަކީ، އިންޑިއާގެ އޮޑިއްސާއަށް އުފަން އަދި އެތަނުގައި އުޅެ ބޮޑުވި މީހެކެވެ. އޭނާ އެމެރިކާއަށް ބަދަލުވީ، 2000 ވަނަ އަހަރު އެވެ.

ރޫބެން އޭނާގެ ބައްބައާ އެކު ޕާޓްނާޝިޕް ހަދައިގެން އުފެއްދި ޕްރޫޑެންޓް ގޭމްސް ވުޖޫދަށް ގެނައީ މި އަހަރުގެ އޯގަސްޓް މަހު އެވެ. އަދި އެއަށް ފަހު އެ ދެބަފައިން ވަނީ، ކުންފުނީގެ ސީއީއޯގެ މަގާމަށް ރޫބެން ހަމަޖައްސާފަ އެވެ.

"މިއީ ސައިބަރ ސެކިއުރިޓީއާ ބެހޭގޮތުން ރޫބެން އެގޮތަށް ތަގުރީރުކުރާ ހަތަރުވަނަ ކޮންފަރެންސަށް ވެގެންދާނެ. 'ވައިޓް ޕޭޖް ހެކިން'ގެ ޑެމޯއަކާ އެކު، އޭނާ ވާހަކަ ދައްކާނެ ކުޑަކުދިންނަށް ސައިބަރ ސެކިއުރިޓީ އުނގަންނައިދިނުމަށް ހޭލުންތެރިކަން އުފެއްދުމުގެ މުހިއްމު ކަމުގެ މައްޗަށް،" ކުޑަކުޑަ ސީއީއޯގެ ބައްޕަ އަދި ޕްރޫޑެންޓް ގޭމްސްގެ އެއް ފައުންޑާ، މަނޯ ޕައުލް ވިދާޅުވި އެވެ.

ގްރައުންޑް ޒީރޯ ސަމިޓްގައި ތަގުރީރުކުރައްވާ ބޭފުޅުންގެ ތެރޭގައި، ހޯމްމިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ނިރްމަލްޖީތު ސިންގް ކަލްސީއާއި، ދިއްލީ ޓްރެފިކް ޕޮލިހުގެ ސްޕެޝަލް ކޮމިޝަނަރު އޮފް ޕޮލިސް މުޚްތޭޝް ޗަންދަރުއާއި ނޭޝަނަލް ޓެކްނިކަލް ރިސާޗް އޯގަނައިޒޭޝަންގެ ޑިރެކްޓަރ އޮފް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް އާލޯކް ވިޖެޔަންތު ހިނިވަޑައިގަންނަވަ އެވެ.