މި ސަރުކާރުން ކުރިއަށް އޮތް ތާނގައިވެސް ޒުވާނުންނަށްޓަކައި ގިނަ ކަންތައްތަކެއް ކުރިއަށް ގެންދަވާނެ ކަމަށާއި، ނަމަވެސް ޒުވާނުން ހެޔޮގޮތުގައި ކުރިއަށްދާން މަސައްކަތް ކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމާ ގުޅިގެން ރޭ އެ ކްލަބުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު މަސައްކަތެއް ކުރަނީ ޒުވާނުންނަށް ގެދޮރުވެރިކަން ހޯދައިދީ އެމީހުނަށް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށްޓަކައި ކުށްތަކުގައި އަދަބު ލިބުމަށް ފަހު މުޖުތަމުއު އަށް ނުކުންނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެމީހުންގެ ކުށުގެ ރިކޯޑް ސާފުކޮށްދޭން ކުރަން ޖެހޭ މަސައްކަތް ހުއްޓާނުލައްވައި ކުރިއަށް ގެންދަވާ ކަމަށެވެ.

"ކުށުން ބަރީއަވެގެން އަންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ހަމަޖައްސަދިނުމަށް އެކުދިންގެ ކުށުގެ ރެކޯޑް ފޮހެލުމަށް ކުރާ މަސައްކަތަކީ އަޅުގަނޑު އަދިވެސް ކެނޑިނޭޅި ކުރާ މަސައްކަތެއް. ހަމައެހެންމެ ކޮންމެވެސް ކަމެއްގެ ތުހުމަތުގައި ނުވަތަ ކޮންމެވެސް ކަމަކާ ގުޅިގެން ފުލުހުން އެއް ފަހަރު ހާޒިރުކޮށްފައި ދެން އެތަކެއް ދުވަހެއް ވާ ޒުވާނުންނާއި ދޭތެރޭގައި ވެސް އަވަސް ގޮތްތަކެއް ނިންމައިދެވޭތޯ މަސައްކަތްތަކެއް ކުރެވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ވެރިކަމުގައި މަގުން ކައްސާލައިގެން ދާކަމުގައިވާ ނަމަ ޒުވާނުންނަށް ވެސް އަދި އެހެން ބޭފުޅުންނަށް ވެސް އެކަމުގައި އެމަނިކުފާނަށް ފާޑުކިޔެންވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަބުރާ ބެހުނު ކަމުގައި ވިޔަސް، އެކަމުގައި މުޅި ގައުމުގެ ނަން ހުތުރުވާ ގޮތައް ވާހަކަ ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ޒުވާނުންނަކީ ސިޔާސީ ލީޑަރުންގެ މައިބަދަ ކަމަށާއި ޒުވާނުން ދައްކާ މަގުން ހިނގަން ސިޔާސީލިޑަރުންނަށް މަޖުބޫރު ވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.