ރައީސް ޔާމީންގެ ސަރުކާރަކީ ދެއްކުންތެރި ކަމުގެ ނިޔަތުގައި ކަމަކަށް ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަމަށް ރަައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

"ސަން" އާ ވާހަކަފުޅު ދައްކަވަމުން މުއާޒް ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް އެކަމެއްގެ ހަގީގީ އަސަރާއި އަދި ލާބައާއި މަންފާ ދެމެހެއްޓެނެވި ގޮތެއްގައި ލިބޭނެ ގޮތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން ކުރާ ކަންތައް ތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މުސްތަގުބަލުގައި ފައިދާ ކުރާނެ ކަމަށެވެ.

"ހަގީގަތުގައިވެސް ރައްޔިތުންނަށް އޭގެ ހަގީގީ އަސަރު ލާބަ އާއި މަންފާ ލިބެނިވި ގޮތެއްގައި ދެމެހެއްޓެނެވި ގޮތެއްގައޭ މިސަރުކާރުން ކަންތައް ކުރާނީ،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަށް އެއް އަހަރު ދުވަސް ވެގެން ދިޔައިރުވެސް އެއްވެސް ވައުދެއް ފުއްދާފައި ނުވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަކީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުން ގާތު ވީ ވައުދު ތަކުގެ ތެރެއިން ބައެއް ކަންކަން ފުރިހަމަވެ ދެން ހުރި ކަންތައް ތަކުގެ ބިންގާ އަޅާފަވާ ކަމަށް މުއާޒް ވިދާޅުވި އެވެ.

"ދެން އެއް އަހަރު ވެގެން ދިޔައިރުވެސް އެއްވެސް ކަމެއް މި ސަރުކާރުން ކޮށްދީފައި ނުވާ ކަމަށް ދައްކާ ވާހަކަތަކެއް ދިވެހި ރައްޔިތުންނެއް ގަބޫލެއް ނުކުރާނެ. މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގަ ހުރި ގާތްގަނޑަކަށްހެން ހުރިހާ ވައުދުތަކެއްގެ ބައެއް ކަންކަން ފުރިހަމަވެ ނުފަށާ އެއްވެސް ކަމެއް މާނައަކީ ނެތޭ،" ރައީސް އޮފީހުގެ ތަރުޖާމަން ވިދާޅުވި އެވެ.

ސަރުކާރުން މިހެން ބުނެފާވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީން ބުނަމުން ދަނީ ވެރިކަމަށް ވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވާ މަންޒަރު ފެންނަމުން ނުދާ ކަމަށާއި ވައުދުތައް ފުއްދާ ކަމަކަށް އެއްވެސް ރައްޔިތަކު ވެސް ގަބޫލުނުކުރާނެ ކަމަށެވެ.