ރިސޯޓް ތަކުގެ ސެކިއުރިޓީ އާމެދު ވަރަށް ބޮޑަށް މިހާރު ވިސްނަން ޖެހިފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ބ. ކިހާދުއްފަރު ރިސޯޓަށް އަރައި އެ ރަށުގެ މުވައްޒަފުންނަށް ބިރުދެއްކުމަށްފަހު އެ ރިސޯޓުގެ ތިޖޫރީއެއް ބަޔަކު މީހުން ވަގަށް ގެންދިޔަ މައްސަލަ އާ ގުޅިގެން މަޓީގެ ސެކްރެޓަރީ ޖެނެރަލް ސިމް އިބްރާހީމް މުހަންމަދު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތައް އޮންނަނީ ވަރަށް ބޮޑަށް ބޭރު ކަނޑާ ގުޅިފައި ކަމަށް ވާތީ ސަލާމަތީ ގޮތުން ފިޔަވަޅު އަޅަން ތަންކޮޅެއް އުދަނގޫވާ ކަމަށެވެ.

އަދި ރިސޯޓު ތަކުގައި ސެކިއުރިޓީ ބަލަހައްޓަން މީހުން ބައިތިއްބައިފައި ތިބި ނަމަވެސް ބަޔަކު އަރާ އެފަދަ ކަމެއް ކުރަން ބޭނުންވާ ނަމަ އޮންނަނީ އެކަން ވަރަށް ފަސޭހައިން ކުރެވޭ ގޮތަށް ކަމަށް ވެސް ސިމް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މި މައްސަލައަކީ ވަރަށް ސީރިއަސް ކޮށް ވިސްނަންޖެހޭ މައްސަލަ އެއް ކަމަށެވެ.
"ސެކިއުރިޓީ މީހުން އެބަތިބޭ ރިސޯޓު ތަކުގައި. އެކަމަކު ބަޔަކު އަރާ ކަމެއް ކުރަންވެއްޖިއްޔާ ކުރެވޭ ގޮތަށް އަޅުގަނޑުމެންގެ ރިސޯޓް ތައް މިހުންނަނީ އެހެންވީމަ މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ސީރިއަސް މައްސަލަ އެއް" ސިމް ވިދާޅުވި އެވެ.

ސިމް ވިދާޅުވީ ސަރުކާރުން އިސް ނަގައިގެން ރިސޯޓް ތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ ގޮތުން އަމަލު ކުރާނެ ގޮތާ ގުޅޭ ގޮތުން ސިސްޓަމެއް އެކުލަވާލި ކަމަށެވެ. ނަމަވެސް އެކަން ބޮޑަށް އަމާޒުކޮށްފައި ވާނީ ރަށުތެރޭ އެފަދަ ކަމެއް ހިނގައިފިނަމަ ޢަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން ކަމަށާއި މިހާރު ދިމާވި ގޮތުން އެކަމާމެދު އިތުރަށް ވިސްނާ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާގެ ފިރިކަލުން، ސިމް ވިދާޅުވީ މިހާރު ވެސް ރިސޯޓު ތަކުގެ ރޫމް ތަކުން ވައްކަން ކުރުމުގެ މައްސަލަތައް އަންނަ ކަމަށާއި ނަމަވެސް ބަޔަކު އަރާ ބިރު ދެއްކުމަށް ފަހު ތިޖޫރީ ގެންދިއުން ފަދަ ހާދިސާ އެއް ދިމާވި މީ ފުރަތަމަ ފަހަރު ކަމަށެވެ. މިފަދަ ހާދިސާތައް ހިނގާ ކަމަށްވާނަމަ އަސަރު ވަރަށް ދުރަށް ފޯރާނެ ކަމަށް ވެސް ސިމް ވިދާޅުވި އެވެ.

ސަން އެނގިފައިވާ ގޮތުގައި ކިހާދުއްފަރު ރިސޯޓް ހިންގުމާ ހަވާލު ކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏަކާ ނަމަވެސް އެ ރިސޯޓު ހިންގަމުން ގެންދަނީ ބޭރު ބައެކެވެ.
އަންގާރަ ދުވަހުގެ ރޭ ދަންވަރު ކިހާދުއްފަރު ރިސޯޓަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އަރައި ވަގަށް ގެންދިޔަ ތިޖޫރީގައި 13،000ރ. ހުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އެ މައްސަލަ ހިނގާފައި ވަނީ ކިހިނެއް ކަމެއް އަދި އަދި އެކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ފުލުހުންގެ އޮފިޝަލު ޔަގީން ކޮށެއް ނުދެ އެވެ.
އަދި އެމައްސަލައިގެ ތަފްސީލު އެރަށާ ގުޅައިގެން ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.