މީގެ ކުރިން ނޫސްވެރިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީ މިއަދު ސިއްރުކޮށްފި އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 2015 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި މިއަދު 11:00ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަނުގައި އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކޮށް ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހމަޖެހިފައެވެ.

މީގެ ކުރީގެ އަހަރުތަކުގައި ގަވަރުނަރާއެކު ބަޖެޓު ކޮމެޓީން ބާއްވާ ބައްދަލުވުންތަކަށް މީޑިއާ ވައްދާއިރު އެ ބައްދަލުވުންތަކުގައި މަރުކަޒީ ބެންކުގެ ގަވަރުނަރު ގިނަ ލަފާތަކެއް އަރުވާނެ އެވެ. ޖުމުލަކޮށް އެއިރެއްގެ ގަވަރުނަރަކު ބަޖެޓާ ގުޅޭގޮތުން ދެކޭގޮތާއި އިސްލާހުކުރަން އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތުވެސް އެ ބައްދަލުވުންތަކުގައި ގަވަރުނަރު ދެއްވާނެއެވެ.

ހަމައެއާއެކު ވަކިވަކި މެމްބަރުން ބަޖެޓާ ގުޅޭގޮތުން ކުރައްވާ ސުވާލުތަކަށް ގަވަރުނަރު ޖަވާބު ދެއްވާނެ އެވެ.

ބަޖެޓު ކޮމެޓީގައި ގަވަރުނަރު ދައްކަވާ ވާހަކަފުޅުތަކުން މީގެ ކުރީ އަހަރުތަކުގައި މީޑިއާގެ ފަލަ ސުރުހީތަކުގައި މަގުބޫލް އެތައް ހަބަރުތަކެއް ގެނެސްދީފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މިހާރު ކުރެވެމުންދާ ކަމަކީ ކޮމެޓީގެ މަސައްކަތް ކުރުމެވެ. ކޮމެޓީ މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ހުށައަޅާފައިވާއިރު އާމްދަނީގެ ގޮތުގައި 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.