ހައުސިން ޑިވެލަޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ ޗެއަމަނަކަށް ހުންނެވި ހ. އާހަމަ ހަސަން ޒިޔަތު އަޮޑީޓާ ޖެނެރަލް އަކަށް ހަމަޖެއްސުމަށް އޭނާގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އޮޑިޓް ގާނޫނަށް ގެނައި ބަދަލަށް ފަހު އޮޑީޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާން ކުރެއްވުމުން ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ އެ ހަތަރު ބޭފުޅުންގެ ތެރެއިން ޒިޔަތު އޮޑީޓާ ޖެނެރަލް އަކަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަންފުޅު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

ހަސަން ޒިޔަތަކީ ޗާޓަޑް އެކައުންޓެންޓެކެވެ. އަދި އޭނާ ވަނީ އެ ދާއިރާގައި 14 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.

އޭނާއަކީ، އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް މިދިޔަ މަހު ނެރުއްވި، މޯލްޑިވްސް މާކެޓިިންގް ޕަބަލިކް ރިލޭޝަން ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހާއްސަ އޮޑިޓް ރިޕޯޓްގައި ހިމެނޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޭބެ އެވެ.

އޮޑިޓް ގާނޫނަށް ގެނައި ބަދަލުގައި ބުނަނީ އެ ބިލް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅެއް ފޮނުއްވަން ވާނެ ކަމަށެވެ.