13 Nov 2014, 10:13
އަލްބައިޟާ (ނޮވެމްބަރު 13): ލީބިޔާގެ އިރުމަތީ ދެސިޓީ ކަމަށްވާ ތުބްރުގް އާއި އަލްބައިޟާގައި ކާރުބޮމުގެ ދެ ބޮން ގޮއްވާލުމުގެ ސަބަބުން ފަސްމީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެ އެވެ.
މީގެ ތެރެއިން އެއްބޮން ގޮއްވާލާފައި ވަނީ ކަނޑުގެ އައްސޭރިފަށުގައިވާ ތުބްރުގްގެ މަގެއްގައި ހުންނަ ތެލުގެ ދިރާސާތަކާބެހޭ އިންސްޓިޓިއުޓެއްގެ ކުރިމަތީގަ އެވެ. މި ހާދިސާގައި އެކަކު މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވާއިރު އަނެއް ބޮން ގޮއްވާލާފައި ވަނީ އަލްބައިޟާގައިވާ ލީބިޔާ ސިފައިންގެ ވައިގެ ބޭހެއްގެ ކުރިމަތީގަ އެވެ. މިޙާދިސާގައި ހަތަރު މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ. ބޮމުގެ މިޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ޝައްކު ކުރެވެނީ ލީބިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި މިލީޝިޔާތައް ކަމަށް ލީބިޔާގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ.
ދާޚިލީ ހަނގުރާމައަކަށް ވެއްޓެމުންދާ ލީބިޔާގައި ހަމަޖެހުން ގާއިމްކުރުމަށް އެގައުމުގެ ވާދަވެރި ފަރާތްތަކަށް ބާރުއެޅުމުގެ ބަދަލުގައި ބައެއް އަރަބި ގައުމުތަކުން ގެންދަނީ އެގައުމުތަކުގެ ވެރިންގެ އަމިއްލަ މަސްލަހަތު ކުރިޔަށްނެރެ އެގައުމުތައް ބޭނުންވާ ލީބިޔާގެ ބައެއް ފަރާތްތަކަށް ހަތިޔާރާއި ފައިސާ ފޯރުކޮށްދިނުމުގެ އިތުރުން ވާދަވެރި އަނެއް ފަރާތަށް ޙަމަލާތައް ދިނުމުގައި ވެސް ބައިވެރިވަމުންނެވެ. މިގައުމުތަކުގެ ތެރޭގައި މިސްރާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް ފާހަގަކޮށްލެވެ އެވެ.
މިދެގައުމުން ގެންދަނީ ލީބިޔާގެ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ ފަރާތްތަކުގެ ބާރު ކަނޑުވާލުމަށް ޓަކައި އެޖަމާއަތާ އިދިކޮޅު އިލްމާނީ ޚިޔާލުގެ ހަނގުރާމަވެރިންނަށް އެހީތެރިވެ ލީބިޔާގެ ބައެއް ސަރަހައްދުތަކަށް ބޮމުގެ ޙަމަލާތައް ވެސް ދެމުންކަމަށް ރިޕޯޓްތައް ބުނެ އެވެ. ސީރިޔާގެ މައްސަލަ ވެސް ލޭއޮހޮރުވުން ބޮޑު އަދި ފަނާކުރަނިވި ދާޚިލީ ހަނގުރާމައަކަށް ބަދަލުވީ އަރަބި ބައެއް ގައުމުތަކާއި އަވަށްޓެރި ބައެއް ގައުމުތަކުން އެގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގަތުމުން ކަމަށް މުޙައްލިލުން ބުނެ އެވެ.
ލީބިޔާގެ ތުބްރުގް އާއި އަލްބައިޟާގައި އިއްޔެ ގޮއްވާލި ކާރުބޮންތައް ގޮއްވާލުމުގެ ފަހަތުގައިވާ ފަރާތްތަކުގެ ބޭނުމަކީ ރައްޔިތުންނާއި ވެރިކަމުގެ މުއައްސަސާތަކަށް ބިރުދެއްކުން ކަމަށް ލީބިޔާ ސިފައިންގެ ތަރްޖަމާން މުޙައްމަދުލްޙިޖާޒީ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)