ޑާމްސްޓަޑް (ނޮވެމްބަރު 13): ޔޫރަޕްގެ އިއްތިޙާދުގެ ޖައްވީ އުޅަނދު ފިލާއި ގަޑިއަކު 135 ހާސް ކިލޯމީޓަރުގެ ބާރުމިނުގައި ދިހަ އަހަރުގެ ދިގު ދަތުރެއް ކުރުމަށް ފަހު ދުނިޔެއާ 510 މިލިޔަން ކިލޯ މީޓަރު ދުރުގައިވާ ދުންތަރިއެއްގެ ސަތަހަށް ރޭގެވަގުތެއްގައި ޖައްސައި ފަޒާގެ ސައެންސްގެ ދާއިރާގައި އާދަޔާ ޚިލާފު ރެކޯޑެއް މުގުރާލައިފި އެވެ.

މިއީ އިންސާނުން އުފައްދާފައިވާ އުޅަނދެއް، ޖައްވުގައި ދަތުރުކުރާ ދުންތަރިއެއްގައި ޖެއްސި ފުރަތަމަ ފަހަރު ކަމުން މިއީ ފަޒާގެ ސައެންސްގެ ރޮނގުގައި އިންސާނުން ހޯދި އާދަޔާ ޚިލާފު އަދި ތާރީޚީ ކާމިޔާބީއެއް ކަމަށް ފަޒާގެ ދިރާސާތަކާ ބެހޭ ޔޫރަޕްގެ އިއްތިޙާދުގެ އެޖެންސީ (އީއެސްއޭ) އިން ސިފަކުރެ އެވެ. ޔޫރަޕްގެ އިއްތިޙާދުގެ ޖައްވީ އުޅަނދު ކަމަށްވާ ފިލާއި ޖެއްސި ދުންތަރިއަކީ ސިކްސްޓީސެވަންޕީ،ކްރިއުމޯވް-ޖެރަސިމެންކޯ ގެނަމުން ނަންދެވިފައިވާ ދުންތަރިއެކެވެ.

ިލާއި އުޅަނދާއި ރޮސެޓާ އުޅަނދު 2004 ވަނަ އަހަރު ރޮކެޓްގެ އެހީގައި ޖައްވަށް އުދައްސާލަނީ

ނަވާރަ ސަތޭކަ ފަސްދޮޅަސް ނުވަނަ އަހަރު، މިދުންތަރި ހޯދާފައި ވަނީ ކްރިއުމޯވް ނަމަކަށް ކިޔާ ސައެންޓިސްޓަކާއި ޖެރަސިމެންކޯ ނަމަކަށް ކިޔާ ސައެންޓިސްޓަކު ގުޅިގެން ކުރެއްވި ބުރަ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ދުނިޔެއާ ގާތްގަނޑަކަށް 510 މިލިޔަން ކިލޯ މީޓަރުގެ ދުރުގައި، ޖުޕިޓަރ ޕްލެނެޓާއި ދުނިޔެއާ ދެމެދުގައިވާ އޯބިޓެއްގައި އިރުގެ ވަށައިގެން ގަޑިއަކު 40 ހާސް ކިލޯ މީޓަރުގެ ބާރު ދުވެއްޔެއްގައި ދަތުރުކުރަމުންދާ މިދުންތަރިއަކީ ގާތްގަނޑަކަށް ހަތަރު ކިލޯމީޓަރު ގެ ބޮޑު ދުންތަރިއެކެވެ.

މިހާ ބާރުދުވެއްޔެއްގައި ސިކުސްޓީސެވަންޕީ ދުންތަރި ޖައްވުގައި ދަތުރު ކުރަމުން ދަނިކޮށް ފަހަތުންގޮސް އެއާ ފައިހަމަކޮށް އޭގެ ސަތަހުގައި ޖައްވީ އުޅަނދެއް ޖައްސައި އެސަތަހުގައި އެ އުޅަނދަށް ފައިހަރުކޮށްލެވުމަކީ ފަސޭހަކަމެއްނޫނެވެ. ފަހަތުންގޮސް ދުންތަރިއާ އަރާހަމަކުރުމަށްޓަކައި ފިލާއި އޭގައި ހިމެނޭ ރޮސެޓާ އުޅަނދު ފަޒާގައި ދަތުރުކޮށްފައި ވަނީ ގަޑިއަކު 135 ހާސް ކިލޯ މީޓަރުގެ ބާރުމިނުގަ އެވެ.

ފިލާއި އުޅަނދު ރޮސެޓާއިން ނުކުމެ އަމިއްލައަށް ދަތުރުކޮށްފައިގޮސް ސިކުސްޓީސެވަންޕީ ދުންތަރީގެ ސަތަހުގައި ޖެއްސުމުގެ އޮޕަރޭޝަން 80 އިންސައްތަ ކާމިޔާބުވެފައިވާއިރު މިއީ މިހާތަނަށް އިންސާނުންނަށް ކުރެވިފައިނުވާ އާދަޔާ ޚިލާފު އިލްމީ ތަޖްރިބާއެއް ކަމަށް ސައެންސްވެރިން ސިފަކުރެ އެވެ. ދުނިޔެ އެނިޒާމަކަށް ނިސްބަތްވާ ސޯލާ ސިސްޓަމް ނުވަތަ އިރުގެ ނިޒާމު އުފެދުނު ގޮތުގެ ޙަގީގަތްތައް ހޯދުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދު ފޮނުވި ޖައްވީ އުޅަނދުކަމަށްވާ ފިލާއި ސިކުސްޓީސެވަންޕީ ދުންތަރިއާ ހަމައަށް ވާސިލްވެފައި ވަނީ އެކަމަށް ޚާއްސަކޮށްގެން އުފައްދާފައިވާ ރެސެޓާ ނަކަމަށް ކިޔާ އެހެން ޖައްވީ އުޅަނދެއްގެ އެހީގަ އެވެ.
ސިކްސްޓީސެވަންޕީ،ކްރިއުމޯވް-ޖެރަސިމެންކޯ ގެނަމުން ނަންދެވިފައިވާ ދުންތަރީގެ ސަތަހް ގެ ފޮޓޯއެއް

ދުންތަރިއަކީ އިރުގެ ނިޒާމް އުފެދުނު ގޮތުގެ އިލްމީ ހަގީގަތްތަކާއި ސިއްރުތައް އެކުލެވޭ އެއްޗެއް ކަމަށް ސައެންސްވެރިން ދެކެއެވެ. އެހެންކަމުން ދުންތަރީގައި އެކުލެވޭ ހިރަފުހާއި ގަނޑުފެނާއި އަދި ކެމިކަލްގެ އުންސުރުތައް ބަލައި ދިރާސާކުރުމުން، މީގެ ފަސް ބިލިޔަން އަހަރު ކުރިން އުފެދުނު ކަމަށް ބެލެވޭ ދުނިޔެއާއި ދުނިޔެ ނިސްބަތްވާ އިރުގެ ނިޒާމްގައި ހިމެނޭ އެހެން ޕްލެނެޓްތައް ވެސް އުފެދުނުގެ ގޮތުގެ ވަރަށް ބޮޑު ހަގީގަތްތަކެއް އެނގިގެންދާނެ ކަމަށް ސައެންސްވެރިން އުންމީދުކުރެ އެވެ. މިގޮތުން ދުނިޔޭގެ ކަނޑުތަކުގައިވާ ފެނަކީ ދުންތަރިތަކުގައިވާ ގަނޑުފެނުގެ ބައެއް ކަމަށް ސައެންސްވެރިން ދެކެ އެވެ.
ދުންތަރިއަކީ އިރުގެ ނިޒާމް ގައިވާ ޕްލެނެޓްތައް އުފެދުނު އިރު ޖައްވަށް ބުރައިގެން ދިޔަކަމަށް ބެލެވޭ ހިރަފުހާއި ފެނާއި ކެމިކަލްގެ އުންސުރުތައް އެކުވެގެން އުފެދިފައިވާ ޖިސްމުތަކެއް ކަމާއި ކަވްނުގައިވާ ހަގީގަތްތައް މިޖިސްމުތަކުގައި ފޮރުވިފައިވާނެ ކަމަށް ސައެންސްވެރިން ލަފާކުރެ އެވެ. އަދި ދުންތަރި އުފެދިފައި ވަނީ ކަވްނުގެ ވަރަށް ދުރު ހިސާބުތަކުގައި ކަމަށާއި ދުންތަރި އިރުގެ ނިޒާމަށް ވަންނަނީ އިރަށް ދަމާބާރުގެ ސަބަބުން ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ.
ފިލާއި ދުންތަރީގައި ޖައްސައި މިޝަން ކާމިޔާބުވުމުން އެމަޝްރޫޢުގެ ސައެންސްވެރިން އުފާފާޅުކުރަނީ

މީގެ އިތުރުން ދުންތަރި އިރުގެ ނިޒާމުގެ ތެރެއަށް ވަދެ އިރުގެ ވަށައިގެން ވަކިއޯބިޓެއްގައި ވަކި މުއްދަތަކަށް ދަތުރު ކުރުމަށް ފަހު އެނބުރި އިރުގެ ނިޒާމުން ބޭރަށް ދާ ކަމަށް ވެސް ސައެންސްވެރިން ބުނެ އެވެ. ޔޫރަޕްގެ ޖައްވީ އުޅަނދު ފިލާއި، ސިކުސްޓީސެވަންޕީ ދުންތަރިއަށް ޖައްސާފައި ވަނީ ވަރަށް އުނދަގޫ ގޮތަކަށް ކަމަށްވެ އެވެ. ފިލާއި އުޅަނދުގެ ފައިތައް ދުންތަރީގެ ސަތަހުގައި ހަރުކޮށްކޮށްލުމުގައި މައްސަލަތަކެއް ކުރިމަތިވި ކަމަށާއި ކާމިޔާބުވީ 80 އިންސައްތަ ކަމަށްވެސް ޔޫރަޕްގެ އިއްތިޙާދުގެ ފަޒާއާބެހޭ އިދާރާއިން ބުނެ އެވެ.

މިފަދަ މައްސަލަތައް ދިމާވި ނަމަވެސް މިއޮޕަރޭޝަން ކާމިޔާބު ކަމަށާ ފިލާއި އިން ފޮނުވާ ދުންތަރީގެ ފޮޓޯތަކާއި އެނޫންވެސް މައްލޫމާތު، ދުންތަރީގެ އޯބިޓްގައި އެއާއެއްވަރަށް ދަތުރު ކުރަމުންދާ ރޮސެޓާ އުޅަނދު މެދުވެރިކޮށް ބިމުގައިވާ މިކަމާބެހޭ މަރުކަޒުތަކަށް ބަރާބަރަށް ލިބެމުންދާކަމަށް ދުނިޔެއާ ފައްސަތޭކަ ދިހަ މިލިޔަން މޭލު ދުރުގައި އޮޕަރޭޝަންތައް ހިނގަމުންދިޔަ މިމަޝްރޫޢުގެ އިސް ސައެސްވެރިޔާ ޖާންޖެކް ޑޯޑަން ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)