ދުބާއީގައި އާ "ޓްރޭމް" ސިސްޓަމެއް ތައާރަފުކުރުމާއި އެކު ޓްރޭމް ދުއްވާ ސަރަހައްދުގައި ދިމާވެދާނެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި އެ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތަކުގެ ޖޫރިމަނާ ވަރަށް ބޮޑުވާނެކަަމަށް ބުނެފި އެވެ.

ބީބީސީއިން ބުނިގޮތުގައި މަގުމަތީގައި އަޅާފައި އޮންނަ ރޭލު ދަގަނޑުތަކެއްގެ މަތީ ކަރަންޓު ބޭނުންކޮށްގެން ދުއްވާ ރޭލެއް ކަމަށްވާ "ޓްރޭމް"ގެ ދުވެލި ބާރުވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓު ހިނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ޓްރޭމް ދަތުރުކުރާ 30 ޖަންކްޝަނުގެ ތެރެއިން އެއްވެސް ހިސާބެއްގައި ރޭލު ދަނގަނޑުތަކުގެ ކައިރިގައި ނުރައްކާތެރި އެކްސިޑެންޓެއް ވެއްޖެ ނަމަ 30،000 ދިރުހަމް (8160 ޑޮލަރު) އާއި ހަމައަށް ޖޫރީމަނާކުރެވޭނެ ކަމަށްވެސް އެނޫހުން ބުންޏެވެ.

އޭގެއިތުރުން ޓްރޭމް ދުއްވާ ރޭލު ދަގަނޑު މަތިން ހުރަސް ކުރުން މަނާކޮށްފައިވާ ސަރަހައްދަކުން ބައިސްކަލު ދުއްވާ މީހެއް ނުވަތަ ހިނގާފައި އުޅޭ މީހެއް ހުރަސްކޮށްފިނަމަ 1000 ދިރުހަމް (270 ޑޮލަރު)ގެ ޖޫރިމާނާއެއް ކުރެވޭނެކަމަށްވެސް ބީބީސީއިން ބުންޏެވެ. ޓްރޭމް ދުއްވާ ސަރަހައްދުގައި އެކްސިޑެންޓުވުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުންނާއި ސަލާމަތީކަންކަމަށް 150 ފުލުހުން ތިބޭނެ ކަމަށާއި 64 ސްޕީޑް ކެމެރާ ހަރުކޮށްފައިވާނެ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ދުބާއީގައި ތަޢާރަފުކުރި އެ ޓްރޭމް ދަތުރުކުރަނީ ގަޑިއަކު 10.6 ކިލޯމީޓަރަށް ކަމަށާއި އެ ދަތުރުގައި 14 މަންޒިލަކަށް މަޑުކުރާނެ ކަމަށްވެ އެވެ. އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ދެކެބިން ބަޔާއި "ގޯލްޑް ކްލާސް" ފަސިންޖަރުންނަށް ހާއްސަ ކެބިންއެއް ވެސް އެޓްރޭމްތަކުގައި ހިމެނޭނެ ކަމަށްވެ އެވެ.

"އަހަރެން ހަމަ ޔަގީނުންވެސް ޓްރޭމް ބޭނުންކުރާނަން. ޓްރެފިކުގައި ތާށިވުމަށް ވުރެ މާ ރަނގަޅުވާނެ." ދުބާއީގެ ރައްޔިތެއް ކަމަށްވާ މޭރީ ސަބްރާ "ދަ ޚަލީޖް ޓައިމްސް" ނޫހައް ބުނެފައިވާކަމަށް ބީބީސީ އިން ބުންޏެވެ.