13 Nov 2014, 09:11
އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަންގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މިފަހަރު ވާދަކުރާ ކުޅުންތެރިންގެ ލިސްޓް އޭއެފްސީއިން ހާމަކޮށްފި އެވެ.
މިފަހަރުގެ އޭއެފްސީ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންނަކީ ސައުދީގެ ކްލަބެއް ކަމަށްވާ އަލް ހިލާލް އެފްސީ އަށް ކުޅެމުން އަންނަ ނާސިރް އަލް ޝަމްރާނީ އާއި އަބޫ ދާބީގެ ކްލަބެއް ކަމަށްވާ އަލް އައިން އަށް ކުޅެމުން އަންނަ އިސްމާއިލް އަހުމަދު އަދި ގަތަރުގެ ޓީމެއް ކަމަށްވާ އަލް ސައްދު ގެ ޙަލްފާން އިބްރާހިމް އެވެ.
މިދިޔަ ހަތް ސީސަންގެ ތެރޭން ފަސް ސީޒަންގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައިވާ އަލްޝަމްރާނީ މި ލިސްޓުގައި ހިމެނިފައި ވަނީ މިފަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އޭނާގެ ޓީމަށް މުޅިއެކު 10 ލަނޑު ކާމިޔާބު ކޮށްދީގެނެވެ. އަދި އިސްމާއިލް އަހުމަދު މި ލިސްޓުގައި ހިމެނިފައި ވަނީ މުބާރާތުގައި އޭނާގެ ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި ފާހަގަ ކޮށްލެވިފައި ވާތީ އެވެ. މިއީ މި ދެކުޅުންތެރިންވެސް މި ލިސްޓުގައި ހިމެނުނު ފުރަތަމަ ފަހަރެވެ.
އެއާ ހިލާފަށް ޙަލްފާން އިބްރާހިމް އަކީ 2006 ވަނަ އަހަރުވެސް އޭއެފްސީ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ މިފަހަރުވެސް މި މަގާމަށް ވާދަކުރަނީ މިފަހަރުގެ މުބާރަތުގައި އޭނާގެ ޓީމް ގަދަ އަށަކަށް ގެންގޮސްދިނުމުގައި އޭނާގެ ފަރާތުން ފެނުުނު މޮޅު ކުޅުމުގެ ސަބަބުންނެވެ.
އޭއެފްސީއިން ވަނީ މި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓވެސް އާންމު ކޮށްފައެވެ. އެގޮތުން މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ 2011 އާއި 2012 ގާ މި އެވޯޑް ހާސިލްކޮށްފައިވާ ޖަޕާނުގެ އަޔާ މިޔަމާ އާއި ޖަޕާންގެ ނަހޮމީ ކަވަސުމީ، އަދި އޮސްޓްރޭލިއާގެ ކެޓްރީނާ ގޯރީ އެވެ.
މިފަހަރުގެ އޭއެފްސީ އިނާމު ދިނިމުގެ ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު، ފިލިޕިންސްގެ މެނީލާގައި، އޭއެފްސީގެ 60 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ތެރޭންނެވެ.