12 Nov 2014, 23:54
ހަމަނުޖެހުން އުފައްދައިގެން ވެރިކަން ދެމެހެއްޓެވުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމާ ގުޅިގެން މިރޭ އެ ކްލަބުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މާލެއަކީ ދިރިއުޅެން އުނދަގޫވާ ތަނަކަށް "މާދަމާ ވެސް ބަދަލުކޮށްލެވިދާނެ" ކަމަށާއި ބަޔަކު އެކަން ކުރަން "ބޭނުންނަމަ އެކަން ކުރެވިދާނެ" ކަމަށެވެ.
"މާދަމާ ވެސް މާލެއަކީ މީހުން ދިރިއުޅެން އުނދަގޫވާ ތަނަކަށް ބަދަލުކޮށްލެވިދާނެ. ކުށްވެރިންތަކެއް މަގުތަކުން ނަގަންޖެހޭ. އެހެން ނަމަވެސް ބަޔަކު އެކަން ކުރަން ބޭނުންނަމަ އެކަން ކުރެވިދާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ. "...އަޅުގަނޑަކީ އެއްގޮތަކަށް ވެސް ހަމަނުޖެހުން އުފައްދައިގެން އެ ހަމަނުޖެހުމުގެ ތެރެއިން ވެރިކަމަށް އަންނަން ބޭނުންވި މީހެއް ނޫން. އަދި ހަމަނުޖެހުމުގެ ތެރެއިން ވެރިކަން ދަމަހައްޓަން މަސައްކަތް ކުރާނެ މީހެއް ވެސް ނޫން،"

ރައީސް ޔާމީން އެ ވާހަކަފުޅު ސީދާ ރައްދުވާ ފަރާތެއް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގައެއް ނުކުރައްވަ އެވެ. ނަމަވެސް އެމްޑީޕީގެ ނަން ހާމަ ނުކުރައްވައި، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ދެއްކެވި ވާހަކަފުޅުތަކަށް ރައީސް ޔާމީން މިރޭ ވަނީ ރައްދު ދެއްވާފަ އެވެ.
އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރު ވަނީ ގޭންގުތަކުގެ ބާރުވެރިކަމުގެ ދަށުގައި ކަމަށެވެ.
~
ރައީސް ޔާމީން މިރޭ ވިދާޅުވީ ޑިމޮކްރަސީއެއްގައި "އަޅުގަނޑަށާއި ސަރުކާރަށް" ވެސް ފާޑުކިޔޭނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ދައްކަވާ ވާހަކަފުޅު އޮޅުވާލައްވައިގެން ވާހަކަތަކެއް ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ "ދުވާލު ދެދަޅައަށް ދައްކާ ވާހަކަ އޮޅޭ މީހެއް" ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު އިއްޔެ [ޖުމްހޫރީ ދުވަހު] ދަންނަވާލިން ކީއްވެގެންކަން ސިލްކު ރޫޓުގެ ތެރޭގައި ޗައިނާއާއެކު މަސައްކަތް ކުރަނީ. އެއްވެސް ގޮތަކަށް އެކަމުގެ މުގާބިލުގައި ރައްދު ވެސް ދެވޭ ކަމަކަށް އަޅުގަނޑެއް ނުދެކެން. މިވާހަކަ ދެއްކީމަ އެހެން މުޖުތަމައުއަކުން ވިޔަފާރިއާއި އިގްތިސާދީ ކަންތައްތަކުން މަހުރޫމްވަނީ ކަމަށް، ދުރަށް ދަނީ ކަމަށް، ބީ ވަނީ ކަމަށް، މިގޮތަށް ވިސްނާ ވަޑައިގަންނަވަންޏާ އަޅުގަނޑު ދެއްކި ވާހަކަ އެ ބޭފުޅުން އޮޅުވާލައްވަނީ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ފަށާފައިވާ އިގްތިސާދީ ހަރަކާތްތައް ވެސް ފުޅާވެގެން ދާނީ އޭގެ ތެރެއިން ޒުވާނުންނަށް ވަޒީފާތައް ލިބޭގޮތަށް ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށްޓަކައި ސަރުކާރުން ކޮށްދޭން ޖެހޭނެ އެންމެ ބޮޑު އެއްކަމަކީ ޒުވާނުންނަށް ރަނގަޅު އާމްދަނީއެއް ލިބިގެން ދިރިއުޅެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށެވެ.
"ވަޒީފާ އުފެއްދުމަކީ އިގްތިސޯދީ ހަރަކާތުގެ ނަތީޖާ. ވަޒީފާތަކެއް ސަރުކާރުގެ ބަޖެޓަކުން ނުއުފެއްދޭނެ. އެހެން ނަމަވެސް އިގްތިސޯދީ ހަރަކާތްތައް ފުޅާވެގެން ދާނީ އޭގެ ތެރެއިން ޒުވާނުންނަށް އަދި ހުރިހާ ދިވެހިންނަށް ވަޒީފާ ލިބޭގޮތަށް. އެގޮތުން މިހާރު ވެސް ވަނީ ގިނަ މަޝްރޫތަކެއް ރޭވި، އަނެއްބައި މަސައްކަތްތައް ކުރިއަށް ދަނީ،" ރައީސް ވިދަޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެގޮތުގެ މަތިން މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ ބޭނުމަކީ އިގްތިސޯދީ ހަރަކާތްތައް ގެނައުމަށްޓަކައި ބޭރުގެ ފަރާތްތަކަށް ބޭނުންވާ އިތުބާރާއި ގެރެންޓީ ގާނޫނީ ގޮތުން ހަމަޖައްސައިދިނުން ކަމަށެވެ. އަދި އެ މަސައްކަތްތައް ކާމިޔާބުވުމުން ސަރުކާރުގެ އަމާޒަކަށްވާ ފަދައިން ޒުވާނުންނަށް ގެދޮރުވެރިކަން ހޯދައިދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލޭ ޔޫތު ސިޓިއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މާލެއާއި ހުޅުމާލެއާ ދެމެދުގައި ގާއިމްކުރާ ބްރިޖްގެ ސަބަބުން ވެސް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށެވެ.
