12 Nov 2014, 23:06
ވީ މީޑިއާގެ އަންހެން މުވައްޒަފަކާ މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ވީ ނިއުސްގެ އެޑިޓަރު މުންޑޫ އާދަމް ހަލީމް ވަޒީފާއިން މިއަދު ވަކިކޮށްފި އެވެ.
ވީ މީޑިއާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާދަމް ހަލީމް ވަޒީފާއިން ވަކިކުރީ އެ ކުންފުނީގެ އިސް މަގާމެއްގައި ހުރެ މުވައްޒަފެއްގެ ފަރާތުން ފެނިގެން ނުވާނެ ދަށު ދަރަޖައިގެ އަމަލެއް ހިންގާފައިވުމާއި އެކަމުގެ ސަބަބުން މުވައްޒަފުންނަށް އެކި ގޮތްގޮތުން ނޭދެވޭ އަސަރު ކުރަމުންދާތީ ކަމަށެވެ. އަދި އޭނާގެ އަމަލުގެ ސަބަބުން އެ ކުންފުނިން ހޯދަމުން އަންނަ ކާމިޔާބީތަކަށް ބޮޑެތި ހިޔަނި އެޅިފައިވާ ކަަމަށް ވީ މީޑިއާގެ ނޫސް ބަޔާނުގައިވެ އެވެ.
"...މި ކަމުގެ ސަބަބުން މި ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންނަށް ނޭދެވޭ އަސަރުތައް އެކި ގޮތްގޮތަށް ކުރަމުން ދިއުމާއި އަދި ވީނިއުސް އިން ހޯދަމުން އަންނަ ބޮޑެތި ކާމިޔާބީތަކަށް މިކަމުގެ ހިޔަނި އެޅުމާ ގުޅިގެންނެވެ،" ވީ މީޑިއާގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
ވީ މީޑިއާގެ އަންހެން މުވައްޒަފަކާ ވީ ނިއުސްގެ އެޑިޓަރު މާރާމާރީ ހިންގި މައްސަލަ "އިތުރަށް ބަލަމުންދާ" ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް "މި ދަނީ އަޅަމުން ކަމަށް" ވީ މީޑިއާގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފު އަދި ދިވެހިރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އެއްވެސް އަމަލެއް ހިންގުމަށް މި ކުންފުނީގެ މުވައްޒަފުންނަށް ފުރުސަތު ނުދޭނެ ވާހަކަ މި ކުންފުނީގެ މުވައްޒަފުންނަށާއި ވީ މީޑިއާގެ ހިދުމަތް ހޯދާ ފަރާތްތަކާއި އަދި އާންމު ރައްޔިތުންނަށް ކަށަވަރުކޮށް އަރުވަމެވެ.،" ވީ މީޑިއާގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ވީ މީޑިއާގެ އަންހެން މުވައްޒަފަކާ އާދަމް ހަލީމް މާރާމާރީ ހިންގާ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން އާދަމް ހަލީމް ވަނީ އެ އޮފީހުގެ މުވައްޒަފަކު އަތުގައި ހިފައި ސިޑިއެއްގެ މައްޗަށް ކޮއްޕާލައި ވައްޓާލާފަ އެވެ. އަދި އެ އަންހެނާ ކޮއްޕާލުމަށްފަހު، އާދަމް ހަމީލް އޭނާއަށް އިތުރު ގޯނާއެއް ނުކުރެ އެވެ. ވީޑިއޯއިން ފެންނަ ގޮތުން އާދަމް ހަލީމް އެ އަންހެން މުވައްޒަފު ކޮއްޕާލާތަން ފެނިގެން އެ އޮފީހުގެ ފިރިހެން މުވައްޒަފަކު އޭނާގެ ގައިގައި ހިފަހައްޓާތަން ފެނެ އެވެ.
ވީ މީޑިއާގެ އަންހެން މުވައްޒަފަކާ އާދަމް ހަލީމް މާރާމާރީ ހިންގާ މައްސަލާގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ. އޭނާ ހައްޔަރު ކުރުމަށްފަހު، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފަ އެވެ.