މަސްވެރިންނަށް ލުއި ފަސޭހަކޮށް އައިސް ފޯރުކޮށްދިނުމަށް ހަ ރަށެއްގައި އައިސް ޕްލާންޓް ގާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިކްފޯ) އިން ސޮއިކޮށްފި އެވެ.

އައިސް ޕްލާންޓް ގައިމް ކުރާ ރަށްތަކާއެކު ސޮއިކުރުމަށް މިފްކޯ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދްލީ އިސްމާއިލެވެ. ރަށްރަށުގެ ފަރާތުން ސޮއިކުރީ އެ ރަށްތަކުގެ ކައުންސިލްތަކުގެ އިސްވެރިންނެވެ.

ހަ ރަށެއްގައި އައިސް ޕްލާންޓްތައް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެ އެއްބަސްވުމުގެ ދަށުން އައިސް ޕްލާންޓް ބަހައްޓަނީ ރ. އަލިފުއްޓާއި ބ. ތުޅާދޫ އާއި ތ. ހިރިލަންދޫ އާއި ގއ. ދެއްވަދޫ އާއި އެ އަތޮޅު ދާންދޫގެ އިތުރުން ނ. ޅޮހީގަ އެވެ. މިހާރު ވެސް މިފްކޯއިން ހަތް ރަށެއްގައި އައިސްޕްލާންޓް ގާއިމްކޮށްފައިވާ އިރު ތިން ރަށެއްގައި އައިސްޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ އިން ކޮންމެ ރަށެއްގައި ގާއިމް ކުރާނީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓް ތަކެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އަދްލީ ވިދާޅުވީ މިފްކޯގެ އަމާޒަކީ މަސްވެރިންނަށް ވީހާ ވެސް ލުއި ގޮތަކަށް އައިސް ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން އަލަށް އައިސް ޕްލާންޓް ބެހެއްޓުވުމަށް ކުރި އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ކަމަށް އަދްލީ ވިދާޅުވި އެވެ.
ހަ ރަށެއްގައި އައިސް ޕްލާންޓްތައް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

"މަސް ގަނެގެން ކޮންމެ ފަހަރަކު ކޫއްޑޫ ބަނދަރަށް ނުވަތަ ތިނަދޫ ނުވަތަ އައްޑޫ އަދި ފެލިވަރު ފަދަ ތަންތަނަށް އައިސް ހޯދަން މަސްވެރިން އަންނަން ޖެހޭ ޖެހުން ނައްތާލުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ބޭނުން. އަދި ދޮށީގެ މަސްވެރިކަމުން ހޯދާ މަސް ތާޒާ ކަމާއެކު ރައްޔިތުންނަށް ފޯރުކޮށް ދިނުން،" މިފްކޯގެ ސީއީއޯ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މަސްވެރިކަން އިތުރަށް ކުރިއަރުވާ މަހަށް އިތުރު މާކެޓް ހޯދަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރާއިރު އެކަން ވާން އޮތީ މަހުގެ ކޮލިޓީ ރަނގަޅު ފެންވަރެއްގައި ހިފެހެއްޓިގެން ކަމަށެވެ.

އެހެންކަމުން މިފަދަ ޕްރޮޖެކްޓެއް ލިބުމަކީ މަހުގެ މާކެޓް އިތުރަށް ރަނގަޅު ވެގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއީ އޭގެ ސަބަބުން އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ލޯނުގެ ޒަރިއްޔާއިން ބަޖެޓް ހަމަޖައްސައިގެން ކުރިއަށްގެންދާ އެ ޕްރޮޖެކްޓަށް 17 މިލިއަން ރުފިޔާ ޚަރަދުވާ އިރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެ އައިސްޕްލާންޓް ތަކުން އައިސް ލިބޭނެގޮތް ހަމަޖައްސާނެ ކަމަށް މިފްކޯއިން ބުނެ އެވެ.
ހަ ރަށެއްގައި އައިސް ޕްލާންޓްތައް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން