12 Nov 2014, 20:35
އައްޑޫ ސިޓީ އާއި ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ދެ ގޮތްޕެއް ގާއިމް ކުރަން ނިންމައިފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި އެ ޑިޕާޓްމަންޓުގެ ގޮތްޕެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.
ޝިފާން ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ކުރިއަށް ގެންދާ އޮޕެރޭޝަންތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ގޮތުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށީގައި ވެސް ކުއްތާ ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ޖެނުއަރީ މަސް ތެރޭގައި އިރާދަކުރެއްވިއްޔާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ދެ ސެލްއެއް ގާއިމްކުރެވޭނެ. އަދި މީގެއިތުރުން ވެސް އަޅުގަނޑުމެންގެ އޮޕެރޭޝަނަލް ސަޕޯޓް، ނުވަތަ ޑޯގް ސްކޮޑުގެ އެހީތެރިކަމާއި އައްޑޫ އަދި ކުޅުދުއްފުށީގައި ގާއިމް ކުރެވޭ ސެލްތަކުގެ ބޭނުން ހިފައިގެން ކުރިއަށް އޮތްތާނގައި އަޅުގަނޑުމެންގެ އޮޕެރޭޝަން މިހާރަށް ވުރެއް ހަރުދަނާކޮށް ގާއިމް ކުރާނަން،" ޝިފާން ވިދާޅުވި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރުވެސް ޅ.އަތޮޅުގައި އަންނަނީ މަސްތުވާތަކެތީގެ ބޮޑު އޮޕެރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ އޮޕަރޭޝަންގައި ފުލުހަކާއެކު އިތުރު އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.