12 Nov 2014, 20:13
ދިރާގުން އިންތިޒާމްކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިނަށް ޚާއްސަ ކޮށްގެން 'ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2014' ގެ ނަމުގައި މިއަދު ހަވީރު ފެސްޓިވަލެއް ބާއްވައިފިއެވެ.
މިއަދު ހަވީރު 4:00 އިން 6:00 އަށް ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ އެ ފެސްޓިވަލް ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ އެވެ.

އެގޮތުން އެ ފެސްޓިވަލްގައި ބައިވެރިވެފައިވާ ސްކޫލްތަކުގެ ތެރޭގައި ހިމެނެނީ ޖަމާލުއްދީން ސްކޫލާއި އިމާދުއްދީން ސްކޫލާއި މާފަންނު މަދަރުސާގެ އިތުރުން އަމީރު އަހްމަދު ސްކޫލެވެ. އަދި ރާއްޖޭގެ އެންޖީއޯތައް ކަމަށްވާ ކެއާ ސޮސައިޓީ އާއި މޯލްޑިވްސް އޯޓިޒަމް ސޮސައިޓީ އާއި ބިޔުޓިފުލް އައިސްއާއި އެހެނިހެން ޖަމްއިއްޔާތަކުން ވަނީ ބައިވެރިވެފައެވެ. އެ ފެސްޓިވަލްގެ ފަސްޓް އެއިޑް ކަންކަމާ ހަވާލުވެފައި ވަނީ މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.

އެ ފެސްޓިވަލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން އެތައް ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން ބެލޫން އެކްޓިވިޓީ އާއި ދުވުމުގެ ހަރަކާތްތްކުގެ އިތުރުން ފްލާވާ ޕިކިންގް އާއި ބައުންސިންގް ބޯލް އާއި ބްލޮކް ސޯޓިންގް އަދި ބެލޫން ބާސްޓިންގް ފަދަ ކުޅިވަރުތައް ކުރިއަށްގެންގޮސްފައިވެއެވެ.
އެ ފެސްޓިވަލާ ބެހޭގޮތުން 'ސަން' އަށް މައުލޫމާތު ދެއްވަމުން މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިންޖާދު ޖަލީލް ވިދާޅުވީ މިއީ އެ ހަރަކާތް ބާއްވަމުން އަންނަތާ ތިންވަނަ އަހަރު ކަމަށެވެ. އަދި އެ ހަރަކާތް ފެށިފައި ވަނީ ދިރާގާއި ކެއާ ސޮސައިޓީ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ހަރަކާތް ހިންގުމުގައި އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ގިނަ ކުދިންތަކެއް މިތަނަށް އައިސް އެކުދިންގެ ހުނަރު ދައްކާލައި، އެކުދިންނަކީވެސް އެހެން ކުދިންނެކޭ އެއްގޮތަށް ކުޅިވަރުގެ ހަރަކާތްތަކުގައިވެސް ބައިވެރިވެވޭނެ ކުދިންކަން ދައްކުވައިދޭނެ ޕްލެޓްފޯމެއް ގާއިމް ކުރުން. އަދި ގިނަ ޖަމިއްޔާ ތަކަކަށް އެއްތަނެއްގައި އެއް ލަނޑުދަނޑިއެއް ހާސިލް ކުރުމަށް މަސަތްކަތް ކުރެވޭނެ ޕްލެޓްފޯމްތަކެއް ގާއިމްކުރުން،" އިމްޖާދު ވިދާޅުވިއެވެ.
އެ ފެސްޓިވަލް ނިމުމުގެ ހަފްލާގައި ބައިވެރިވި ކުދިންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ވަނަތަކެއް ނުހޮވާގޮތަށް ކުރިއަށް ގެންގޮސްފައިވާ އެ ފެސްޓިވަލްގެ އިނާމުތަކާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީ އާއި ޔޫތް މިނިސްޓަރު މަލީހު ޖަމާލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.