12 Nov 2014, 19:10
އަގޯޑާ ގޯލްޑް ސަރކަލް އެވޯޑް ސަން ސިޔާމް ގްރޫޕުގެ ދެ ރިސޯޓަކަށް ލިބިއްޖެ އެވެ. އަގޯޑާ އަކީ އޮންލައިން ކޮށް ރިސޯޓް ތަކާއި ހޮޓާތައް ވިއްކުމުގައި މިހާރު ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހަރަކާތްތެރިވާ އެމެރިކާގެ ކުންފުންޏެކެވެ.
އަގޯޑާ އިން އަހަރަކު އެއްފަހަރު ހޮވާ، އަގޯޑާ ގޯލްޑް ސަރކަލް އެވޯޑް މި އަހަރު ލިބުނު ސަން ސިޔާމްގެ ދެ ރިސޯޓަކީ ސަން ސިޔާމް އިރުފުށި ބީޗް އެންޑް ސްޕާ ރިސޯޓާއި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓެވެ.
މި ދެ އެވޯޑް ހަވާލުކުރުން އޮތީ، އޮޅުވެލީ ބީޗް އެންޑް ސްޕާ ރިސޯޓުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ސަން ސިޔާމް ގްރޫޕުގެ ފަރާތުން މި ދެ އެވޯޑާ ހަވާލުވެވަޑައިގެންނެވީ ގްރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑައިރެކްޓަރު އަހުމަދު ސިޔާމް މުހައްމަދެވެ. އަގޯޑާގެ ފަރާތުން އެވޯޑް ހަވާލުކޮށްދެއްވީ އަގޯޑާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ރީޖަނަލް މެނޭޖަރ ހޮޓެލްސް، އެފްރިކާ އެންޑް އިންޑިއަން އޯޝަން، ޕިއެރޭ ހޯނެ އެވެ.

އަގޯޑާ ގޯލްޑް ސަރކަލް އެވޯޑް ދިނުމުގައި ބަލާ މައިގަނޑު ކަންކަމުގެ ތެރޭގައި، ޓޫރިސްޓުންނަށް ދޭ ޚިދުމަތްތައް ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގައި ހިފެހެއްޓުމާއި، އަގޯޑާގެ ވެބްސައިޓު މެދުވެރިކޮށް، ޓޫރިސްޓުންގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން އަގޯޑާ އަށް ފާހަގަ ކުރެވޭ އެންމެ ރަނގަޅު ފެންވަރުގެ ރިސޯޓު ތަކާއި، ޒަމާނީ ޓޫރިޒަމްގެ ޚިދުމަތްތައް ތައާރަފުކުރުމަށް އިސްކަން ދީފައިވާ މިންވަރާއި ޓޫރިސްޓުންނަށް އެ މީހުން އެންމެ ހިތްހަމަ ޖެހޭ ޚިދުމަތްތައް ލިބިދޭކަން ކަށަވަރުކުރުމަށް އެ ރިސޯޓުތަކުން ކޮށްފައިވާ ޚާއްސަ މަސައްކަތްތައް ހިމެނެ އެވެ.
އަގޯޑާ ގޯލްޑް ސަރކަލް އެވޯޑް ސަން ގުރޫޕުގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދަށް ހަވާލުކުރުމަށް އަގޯޑާގެ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ސަން ހޮޓެލްސް އެންޑް ރިސޯޓްސް ގެ އެޗްއާރް ޑައިރެކްޓަރު މުހައްމަދު ހަމީދާއި އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގެ ރެސިޑެންޓް މެނޭޖަރު މޫސާ ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
