12 Nov 2014, 17:33
ކުރިއަށް އޮތް ފަސް އަހަރަށް 600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ކޮމިޓްވެފައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރުގެ ތެރޭގައި އަލަށް ވިޔަފާރިއަށް ވަތް ފަރާތްތައް 20 ޕަސެންޓް އިތުރުވެފައިވާ އިރު ޓޫރިޒަމް އާއި ގުޅުމެއް ނެތް 19 ފޮރިން އިންވެސްޓްމަންޓް ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް 600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ކޮމިޓްވެފައިވާ ކަމަށެވެ.
"މުޅި ދުނިޔެ މިއަދު ގަބޫލުކުރޭ ދިވެހި ރާއްޖޭގައި އިންވެސްޓްމަންޓް އޮޕަޗުނަޓީސް ނުވަތަ އިންވެސްޓް ކުރުމުގެ ފުރުސަތު ކުރިއަށް ވުރެ ބޮޑަށް ފަހިވެގެން ހިނގައްޖެކަން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރި ފުރުސަތަކަށް މިސަރުކާރުން އިސްލާމް ދީނާ ހިލާފު ކަންކަން ނުކުރާނެ ކަމަށާއި އެގޮތުން ބޭނުން ދީނަކަށް އުޅުމާއި އެއް ޖިންސުން ގުޅުން ހިންގުމަށް ހުއްދައެއް ނުދެވޭނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ ލޯންގް ލައިންގެ މަސްވެރިކަމުން 300 ވަޒީފާ އުފައްދައިފައިވާ އިރު ވޭތުވެ ދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މަސްވެރިންނަށް 1000 އަށް ވުރެ ގިނަ ވަޒީފާ ހޯދައި ދެވިއްޖެ ކަމަށެވެ. އެ ވަޒީފާތައް ހޯދައިދީފައި ވަނީ އާ މަސްދޯނިތައް ނެރެގެންނާއި ލޯން ދީގެން މަސްވެރިކަން ކުރުމަށް އިތުރު ފަރާތްތަކަށް ނުކުތުމުގެ ފުރުސަތު ދީގެން ކަމަށް ޑރ. ޝައިނީ އެވެ.
ހާރިޖީ ސިޔާސަތަށް އިދިކޮޅު ފަރާތްތަކުން ކިޔާ ފާޑުތަކަށް ރައްދު ދެއްވަމުން ޑރ. ޝައިނީ ވިދާޅުވީ ޗައިނާއާ ގުޅުން ބޭއްވުމަކީ އެހެން ގައުމަކާ އޮންނަ ގުޅުން ކުޑަވުމެއް ނޫން ކަމަށާއި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެސް ގާތް ގުޅުމެއް އެބައޮތް ކަމަށެވެ. ވިޔަފާރި ކުރުމުގައި އެއް ބަޔަކަށް ބަރޯސާވެގެން ތިބޭކަށް ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެން އީސްޓަށް އިސްކަންދޭ ވާހަކަ، އެއްވެސް ގޮތަކަށް އަޅުގަނޑުމެން އެހެން ފަރާތްތައް ދޫކޮށްލާ ވާހަކައެއް ރައީސް ވިދާޅެއްނުވޭ،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ ރާއްޖެ އާއި ބޭރުގެ ގައުމުތަކާއި އޮންނަ ގުޅުން ގޯސް ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ނޭދެވޭ އަސަރުކުރާނީ އާންމު ރައްޔިތުންނަށް ކަމަށެވެ.