12 Nov 2014, 16:53
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ފުލުހަކާއި އިތުރު އަށް މީހަކު ޅ.ހިންނަވަރުން ހައްޔަރުކޮށްފިއެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެ ނުވަ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ޅ. އަތޮޅުގައި މިހާރު ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ އެންމެންގެ ބަންދަށް އަށް ދުވަހުސް ކޯޓުން ޖަހައިދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އެންމެންނަކީ ވެސް 18 އަހަރުން މަތީ މީހުން ކަމަށާއި އެމީހުންގެ ތެރޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު ވެސް ހިމެނޭ ކަމަށެވެ.
އެ އޮޕަރޭޝަންގައި ބުލެޓް ސައިޒުގެ 16 ރަބަރު ޕެކެޓާއި މަސްތުވުމަށް ބޭނުންކުރާ 145 ތެޔޮ ޕެކެޓްވެސް ފެނިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.
ޗީފް އިންސްޕެކްޓަރު ޝިފާން ވިދާޅުވީ ރޭ ފަތިހު 5:00 އެހައިކަންހާއިރު ހިންނަވަރުގައި ފެށި އެ އޮޕެރޭޝަންގައި 36 ފުލުހަކާއި ސްޕެޝަލިސްޓް އޮޕެރޭޝަންގެ 12 ފުލުހަކު ބައިވެރިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާއެކު އެމީހުން އަތުލައިގަތަސް ޅ. އަތޮޅުގައި ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕެރޭޝަން އަދި ނިންމާ ނުލާ ކަމަށާއި ޅ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ވެސް މިފަދަ އޮޕެރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
"އެގޮތުން މިއޮޕެރޭޝަން މިހާރުވެސް ކުރިއަށް އެބަގެންދޭ. އަދި މިއޮޕެރޭޝަން ނިންމައެއް ނުލާ. ޅ. އަތޮޅުގެ ރަށްތަކުގައި އަޅުގަނޑުމެންގެ ފުލުހުން ތަފާތު އެކި މަސައްކަތްތަކެއް ކޮށް މަސްތުވާތަކެއްޗާއި އަދި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސް އެޅޭ ފަދަ ކަންތައްތަކެއް ހަމައަކަށް އަޅުވާ ހަމަޖެހިގެން ރައްޔިތުން އުޅޭ ފަދަ މާހައުލެއް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން،" ޝިފާން ވިދާޅުވި އެވެ.