ރާމަﷲ (ނޮވެމްބަރު 12): އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ނުހައްގުން އިސްރާއީލު ވަޒަންވެރި ކުރުވައިގެންއުޅޭ ހަރުކަށި ޔަހޫދީންގެ ބަޔަކު ފަލަސްތީނުގެ މިސްކިތެއްގައި ހުޅުޖަހައި އެމިސްކިތުގެ ބައެއް އަންދާލައިފި އެވެ.

ޔަހޫދީ ވަޒަންވެރިން އަންދާލި މިސްކިތް ހުންނަނީ ހުޅަނގު އައްސޭރީގެ އަލްމުޣީރު ވިލެޖްގަ އެވެ. އެވިލެޖްގެ މީހުން ބުނާ ގޮތުން އެމީހުން ރޭފަތިހު ތެދުވީ ޔަހޫދީން ހުޅުޖެހި މިސްކިތުގެ އަލިފާންގަނޑު ނިއްވާލުމަށް އެވިލެޖްގެ ބައެއްމީހުން މަސައްކަތްކުރާ އަޑުއިވިގެންނެވެ. މިސްކިތުގައި ހުޅުޖެހި ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މަންޒަރު ދުށްމީހުން ބުނި ގޮތުގައި ތިންބުރި އަށް ހުރި މިމިސްކިތުގެ ފުރަތަމަ ފަންގިފިލާ ވަނީ އަލިފާން ނިއްވާލެވުނު އިރު މުޅިން އަދާފަ އެވެ.
މިމިސްކިތުގައި އަލިފާންޖެހުމުގެ އިތުރުން ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ގައުމުން ބޭރުކުރުމަށް ގޮވާލާ ލިޔުންތައް ވެސް އެމިސްކިތުގެ ފާރުތަކުގައި ލިޔެފަ އެވެ. ފަލަސްތީނުގެ ސަރުކާރުން ވަނީ ޔަހޫދީ ވަޒަންވެރިންގެ މިޖަރީމާ ކުށްވެރިކޮށްފަ އެވެ.

ނަވާރަސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރުގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ހުޅަނގު އައްސޭރީގެ ބިންތަކުގައި އިސްރާއީލު ގެންދަނީ ދުނިޔޭގެ އެކިގައުމުތަކުން ޔަހޫދީން ގެނަސްގެން އެބިންތަކުގައި ވަޒަންވެރި ކުރުވަމުންނެވެ. މިހާތަނަށް އަށްލައްކައަށް ވުރެ ގިނަ ޔަހޫދީން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލުން ވަޒަންވެރިކޮށް އެތަންތަން އިސްރާއީލުގެ އަވަށްތަކެއް ކަމަށް ޣައިރުގާނޫނީ ގޮތުން ހަމަޖައްސާފައިވެ އެވެ.

މިގޮތުން ހުޅަނގުގެ އައްސޭރީގެ 20 އިންއިންސައްތަ ބިންވަނީ ޔަހޫދީ އަވަށްތަކާއި އެއަވަށްތަކަށް ނިސްބަތްވާ އިސްރާއީލުގެ ބިންތަކުގެ ގޮތުގައި އިސްރާއީލު ސަރުކާރުން ހަމަޖައްސާފަ އެވެ. ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ބޭނުމަކީ އެބިންތައް ދާއިމީ ގޮތަކަށް އިސްރާއީލުން އަތްދަށުލުމާއި ފަލަސްތީނުގެ މިނިވަންދައުލަތެއް ވުޖޫދަށް އައުމުގެ ފުރްސަތު ނުދިނުމެވެ.

މީގެއިތުރުން ހުޅަނގު އައްސޭރީގެ ބިންތަކުގައި ވަޒަންވެރިކުރުވާފައިވާ ހަރުކަށި ޔަހޫދީން ގެންދަނީ އެބިންތަކުގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްތީނުގެ ރައްޔިތުންނަށް ޖެއްސުންކޮށް ފަލަސްތީނުގެ ދަނޑުބިންތައް ހަލާކުކޮށް ކުޑަކުދިންނަށް ބިރުދައްކައި ފަލަސްތީނު ރައްޔިތުންގެ މުދަލާއި ތަކެއްޗަށްވެސް ގެއްލުންދިނުމުގެ ޓެރަރިސްޓް ހަރަކާތްތަކެއް ވެސް ހިންގަމުންނެވެ. މިފަދަ ޓެރަރިސްޓް އަމަލުތަކަށް އިސްރާއީލުގެ ސަރުކާރުން ގެންދަނީ ލޯމަރާލަމުންނެވެ. (އަލްޖަޒީރާ)