އެލަޔަންސް އޮފް ސްމޯލް އައިލެންޑްސް ސްޓޭޓްސް (އެއޮސިސް)ގެ ޗެއާމަންކަން ރާއްޖެ އަށް ލިބިއްޖެ އެވެ.

ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެއަކީ އެއޮސިސްގެ ޗެއާ ކަމަށް ނިންމީ އިއްޔެ ސީޝެލްސްގައި ބޭއްވި ސްމޯލް އައިލެންޑްސް ސްޓޭޓްސްގެ ބައްދަލުވުމުގައި 37 ގައުމެއްގެ ފުރިހަމަ އިތުބާރާއެކުގަ އެވެ.

އެކަމާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އެއީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ހާއްސަކޮށް ބައިނަލްއަގުވާމީ ދާއިރާ އިން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އަންނަ އަހަރަކީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ އަހަރަށްވާ އިރު އެ މުނާސަބަތުގައި ވެސް މީގެ ސަބަބުން އަޅުގަނޑުމެންނަށް ކްލައިމެޓް ޗޭންޖާ ބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރެވި ކުދި ގައުމުތަކުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަންފޮޓޯ: ފަޔާޒު މޫސާ

ޖުމްލަ 39 ގައުމާ އެކު އެއޮސިސްގެ މަސައްކަތްތައް ރަސްމީކޮށް ފައްޓާފައި ވަނީ 1989 ވަނަ އަހަރު ރާއްޖެގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމަށް ފަހު ދުނިޔޭ ހޫނުވުމާއި ލޮނުގަނޑު އުފުލުން ފަދަ، ކުދިގައުމުތަކަށް ނުރައްކާތެރި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމާ ގުޅޭ ގޮތުން ދަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.

ރާއްޖޭގެ ޗެއާކަމުގެ ދަށުން ފުރަތަމަ އެއޮސިސްގެ މަސައްކަތްތައް ފަށާނީ އަންނަ އަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. އެގޮތުން ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން އެންމެ އިސް ގައުމެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް ވަކާލާތު ކުރާނީ ރާއްޖެ އެވެ.