12 Nov 2014, 14:38
މައްޗަންގޮޅީ ގެއެއްގެ ކުލީ ކޮޓަރިއެއްގައި ހަށި ވިއްކި ކަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ރޭ ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި މއ. މޭފެއާ ގެއިން ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން 36 އަހަރުގެ ދިވެހި އަންހެން މީހާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްފައިވާ އިރު 35 އަަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް އަދި 20 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ބަންގްލަދޭޝްްގެ މީހާގެ ބަންދަށް ވެސް 28 ދުވަސް ވަނީ އިތުރުކޮށްދީފަ އެވެ.
އެ ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މއ. މޭފެއާގޭގައި ކުއްޔަށްދޭ ކޮޓަރިއެއްގެ ތެރޭގައި ހަށިވިއްކަމުން ގެންދިޔަ ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގެ ތުހުމަތުގައި ފުލުހުން އެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ޖިންސީ ގުޅުން ހިންގަން ބޭނުންކުރާ ބައެއް ތަކެއްޗާއި ޖިންސީ އެދުން ފުއްދުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވަނީ އެމީހުން ތިބި ކޮޓަރިން ފެނިފަ އެވެ.