ސަރުކާރުގެ އޮފީސްތަކުގެ ހަރަދުތައް އޮންނަންވާ ވަރަށް ވުރެ ބަޖެޓުގައި ހިމަނާފައިވާ މިންވަރު ބޮޑުކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ އޮފީސްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބަޖެޓުގައި ހިމަނާފައިވާ އަދަދުތައް ބޮޑު ކަމަށާއި ނަމަވެސް އެ މަރާމާތުތައް ކުރަމުންދާތަނެއް ނުފެންނަ ކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކުގެ ހަރަދުތައް ބަޖެޓުގައި ހިމަނާފައިވާ މިންވަރު ބޮޑު ކަމަށް ސަލީމް ވިދާޅުވި އެވެ.

"ކޮންމެ އޮފީހެއްގެ ޕާޓިޝަން އެގޮތްމިގޮތަށް ބަދަލުކޮށްލަންޖެހިދާނެ، ވަޒީރަކު ބަދަލުވެއްޖެ ނަމަ ނުވަތަ ސްޓޭޓް މިނިސްޓަރަކު ބަދަލުވެއްޖެ ނަމަ އަޅުގަނޑުމެންނަށް އެޖެހުނީ ކޮޓަރި ބަދަލުކޮށްލަން، މިގައުމުގައި އެމެރިކާގެ ރައީސް ނީންނަވަރުގެ މޭޒެއްގައި ޑެޕިއުޓީ ޑިރެކްޓަރުން ނުވަތަ ޑިރެކްޓަރުން އެބަ އިންނަން ޖެހޭ، ދުނިޔޭގައި ނިއުކުނިލާ ބޮންގޮންވަން ބޭނުން ކުރާ ފެންވަރުގެ ކޮމްޕިއުޓަރެއް ނޫނީ އަޅުގަނޑުމެންގެ އޮފީހެއްގައި ބޭނުމެއް ނުކުރެވޭ،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް އައިސްގެން ނޫނީ އަޅުގަނޑުމެންގެ ބަޖެޓު ދެކޮޅު ޖެއްސޭނެ ގޮތެއް ނެތް ކަމަށެވެ. އޮފީސް މަރާމާތު ކުރުމުގެ ހަރަދާއި އޮފީސްތައް ހިންގުމުގެ ހަރަދުގެ ތެރެއިންލައިފާ ވެސް ވަރަށް ބޮޑެތި ކޮރަޕްޝަންގެ ކަންކަން ހިނގާ ކަމަށެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްޑީޕީ އަށް ނިސްބަތްވާ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ ކަންކަން ހައްލު ނުކުރެވުމުގެ މައިގަނޑު މައްސަލައަކީ ރާއްޖޭގައި އުފެދިފައިވާ "ކޮރަޕްޝަންގެ ބަލި" ކަމަށާއި އެކަން ނައްތާލައިގެން ނޫނީ ކަންކަން ހައްލުވާން ނެތް ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލަވެއްޖެ ނަމަ އާސަންދައަށް ހިމަނާފައިވާ ބަޖެޓުން ކަންކަން ހައްލު ކުރެވިގެންދާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.

މިއަދުގެ ބަޖެޓު ކޮމެޓީގައި ސަރުކާރުގެ އޮފިސްތަކުގެ ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާތައް ދިއުމަށް ފަހު ކޮމެޓީ އިން ނިންމާފައި ވަނީ އެމްޑީޕީގެ ބައެއް މެމްބަރުން ހުށައެޅުއްވި ގޮތަށް އޮފީސްތަކުގެ ހަރަދުތަކުގެ ތަފްސީލް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް އެދުމަށެވެ. ބަޖެޓާ ގުޅޭ ގޮތުން ވަކި ނިންމުންތަކެއް ނިންމާފައެއްނުވެ އެވެ.