ސްރީލަންކަން އެއާލައިންސް ހިންގަމުން ގެންދަނީ ގެއްލުމުގައި ކަމަށާއި އެ ކުންފުނިން ކޮށްފައިވާ އިންވެސްޓްމަންޓް ވެސް ކަވަކުރެވޭވަރު ވާނީ، އުންމީދުކުރި ވަރަށް ވުރެ އަހަރު ދުވަސް ފަހުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ލަންކާ ސަރުކާރުގެ 92 ޕަސެންޓް ހިއްސާވާ ގައުމީ އެއާ ލައިންގެ ޗީފް އެގްޒެކެޓިވް ކަޕިލާ ޗަންދުރަސޭނާ ވިދާޅުވި ކަމަށް ރޮއިޓާސް ނިއުސް އޭޖެންސީން ބުނީ، ސްރީ ލަންކަން އެއާލައިންސް ހިންގަމުން ގެންދަނީ ގެއްލުމުގައި ކަމަށާއި އެއާލައިންގެ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާއިރު، ކުރިން އުންމީދުކުރި ގޮތާ ހިލާފަށް އެ އެއާލައިނަށް ހަރަދު ދެކޮޅު ޖެއްސޭނެ ކަމަށް ބެލެވެނީ ވެސް 2018 ވަނަ އަހަރުގެ މާޗު ހިސާބުގައި ކަމަށެވެ.

ސްރީލަންކަން އެއާލައިންގެ ފިސްކަލް އިޔާ މި އަހަރުގެ މާޗު މަހާ ހަމައަށް ނިމުނު އިރު، އެ އެއާލައިނަށް ވަނީ، 220 މިލިއަން ޑޮލަރުގެ ރެކޯޑު މިންވަރެއްގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން 2016 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ހަރަދުތައް ދެކޮޅު ޖެއްސޭނެ ކަމަށް ކުރިން ބެލެވުނު ކަމުގައިވީ ނަމަވެސް، މިހާރު ލަފާކުރެވޭ ގޮތުން ހަރަދުތައް ދެކޮޅު ޖެއްސޭނީ ވެސް އެއަށް ވުރެ 12 މަސް ފަހުންނެވެ.

"މިއަހަރު ވެގެންދާނީ، އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ އަހަރަށް. އެގޮތުން އަހަރެމެން އުންމީދުކުރަނީ މާޖިނަލް އިމްޕްރޫވްމަންޓެއް ލިބޭ ކަމަށް،" ލަންކާގެ މައި އެއާޕޯޓް އޮންނަ ކަޓުނަޔަކަ އަށް ކުރެއްވި ޒިޔާރަތެއްގައި ރޮއިޓާސް އަށް ކަޕިލާ ވިދާޅުވި އެވެ. "އުންމީދުކުރަނީ، 2017-2018 އާ ހަމައަށް ބްރޭކް އީވަން އަށް[ހަރަދުތައް ދެކޮޅު ޖެއްސޭނެ] ހަމައަށް ދާނޭ ކަމަށް."

ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ބްރޭކް އީވަންއަކަށް ސްރީލަންކަން ދާނޭ ކަމަށް ޗަންދުރަސޭނާ ވިދާޅުވި ނަމަވެސް، އެ ތިން އަހަރަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީ، ހާމަކޮށްފައި ނުވާ ކަމަށް ރޮއިޓާސް ބުނެ އެވެ.

ތެލަށް ކުރާ ހަރަދުތައް ކުޑަކޮށްގެން އެއާ ލައިނަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ސްރީލަންކަން އިން ވަނީ އެ އެއާލައިނަށް ތެލުގެ ހަރަދުކުޑަ ބޯޓުތަކެއް ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އެގޮތުން 2014 އާއި 2021 ވަނަ އަހަރާ ދޭތެރޭގައި އެ އެއާ ލައިނަށް، އެއާބަސް A330-300 މަރުކާގެ ހަ ބޯޓާއި A350-900 މަރުކާގެ ހަތަރު ބޯޓު ގެނައުމަށް ވަނީ ރާވައިފައެވެ.

ޗަންދުރަސޭނާ ވިދާޅުވި ގޮތުގައި، އެއާލައިންގެ ފައިދާ އިތުރު ކުރުމަށްޓަކައި ސްރީލަންކަންއިން ވަނީ، އިތުރު މަންޒިލުތަކަށް ދަތުރުފަށަން ވެސް ނިންމައިފައެވެ.

ސްރީ ލަންކަންއަށް އެންމެ ފަހުން ފައިދާ ވެފައިވަނީ 2007 ވަނަ އަހަރުއެވެ. އެއީ، އެ އެއާލައިން ދުބާއީގެ އެމިރޭޓްސް އެއާލައިނާ ގުޅިގެން ހިންގ ދުވަސްވަރު އެވެ.