އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހާރިޖީ ގުޅުންތަކާ ގުޅޭ ކަންކަމަށް (ފޮރިން މިނިސްޓްރީ އަށް) ކަނޑައަޅާފައިވާ ފައިސާގެ އަދަދު މާ ބޮޑު ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ފާޑުކިޔައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ބައިނަލްއަގުވާމީ ކޮމިޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބުދުﷲ ޝާހިދު ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތު އޮތް ގޮތުން ބަޖެޓުން ބޮޑުބައެއް އުނިކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ބޭރު ގައުމުތަކުގައި ހުރި ރާއްޖޭގެ މިޝަންތަކުގެ މަސައްކަތްތައް މިހާރު ހިނގަމުންދާ ގޮތުން ބޭރުގެ އެހީތައް، ސަރުކާރުން ލަފާކޮށްފައިވާ ވަރަށް ހޯދޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"...މިޝަންތަކުގެ މަސައްކަތް މިގޮތަށް ރޭވިގެން ހިނގާ ނަމަ، މިވިދާޅުވެފައިވާ އަދަދުތައް، ޕީއެސްއައިޕީގެ 56 ޕަސެންޓެއް، 61 ޕަސެންޓެއް އަދި 2017 ވަނަ އަހަރު 62 ޕަސެންޓް ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. މިވަރުގެ ބަޖެޓެއް ތަންފީޒުކުރުމުގައި ހަމަ އެކަނި ސަރުކާރު ހިންގާ ޕާޓީގެ ސިޔާސީ މީހުންނަށް ވަޒީފާ ދޭތަނެއްގެ ގޮތުގައި ހާރިޖިއްޔާ ހިންގުމަށް މި ބަޖެޓް ދިނުމަކަށް އެމްޑީޕީއަކަށް ތާއީދެއް ނުކުރެވޭ، " ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ހާރިޖީ ސިޔާސަތު ކަނޑައަޅުއްވާފައި ވަނީ ރާއްޖެ އެކަހެރިވެ އޮތުމަށް ކަމަށް ޝާހިދު ތުހުމަތު ކުރެއްވި އެވެ. އަދި ބައެއް ގައުމުތަކާ ގުޅުން ނުބާއްވަން ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވަމުން އޭނާ ވިދާޅުވީ އެހެންވީމާ އެގައުމުތަކާ ގުޅޭ ކަންކަމުގައި ފައިސާ ހަރަދު ކުރަން ނުޖެހޭ ކަމަށެވެ.

ޗައިނާ އިން ގާއިމްކުރަން މަސައްކަތްކުރާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޯޑްގެ މަޝްރޫއުގައި ރާއްޖޭން ބައިވެރިވާނެކަން ސަރުކާރުން ހާމަ ކުރި ފަހުން އެމްޑީޕީގެ ފާޑުކިއުންތައް ވަރަށް ބޮޑަށް އަމާޒުކޮށްފައި ވަނީ ހާރިޖީ ސިޔާސަތަށެވެ.