ރާއްޖޭގައި ބޭނުންކުރާ ކެމިކަލްތައް ދެނެގަތުމުގެ ޑޭޓާބޭސްއެއް ގާއިމު ކުރުމުގެ އެއްބަސްވުމެއްގައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އިން ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު ގިރިފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމް އެވެ. އަދި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އެވެ.

އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ބޭނުން ކުރާ ކެމިކަލްތަކުގެ މައުލޫމާތު ފަސޭހަކަމާ އެކު ލިބިގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުންޏެވެ.

މިއަދު ހެނދުނު ގިރިފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު ޒުހައިރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެ ތަރައްގީގެ ރޮނގުން ކުރިއަރަމުންދާ އިރު ދިވެހިން ކުރާ މަސައްކަތްތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން، ފުޅާވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖެ މިދަނީ އެއް ދުވަހުން އަނެއް ދުވަހަށް ތަރައްގީވަމުން. ހަމަ މިއާ ގުޅިގެން އަޅުގަނޑުމެންގެ މަސައްކަތްތައް ފުޅާވަމުންދަނީ. މިއިން ކޮންމެ ކަމަކާ ގުޅިގެން އަޅުގަނޑުމެން ބޭނުންކުރާ ތަކެތި ވެސް މިދަނީ އިތުރުވަމުން،" ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު ވިދާޅުވި ގޮތުގައި ރާއްޖެ ތަރައްގީވެ، ބޭނުންކުރާ ތަކެތި އިތުރުވަމުން ދާއިރު ރާއްޖެ އަށް އެތެރެކުރާ ކެމިކަލް ވެސް ދުވަހުން ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެފަދަ ކެމިކަލް އިމްޕޯޓް ކުރާ އިރު ސިއްހަތަށް ގެއްލުން ހުރި ކެމިކަލް ވެސް އިމްޕޯޓްކުރެވެމުންދާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
މިއަދު ހެނދުނު ގިރިފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން- ސަން ފޮޓޯ/ ފަޔާޒް މޫސާ

"މިގޮތުން ދިވެހި ރާއްޖެ އަށް އިމްޕޯޓް ކުރާ ކެމިކަލް ފަދަ ބާވަތްތައް ވެސް މިއަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. މިފަދައިން އިމްޕޯޓް ކުރާ ކެމިކަލްސްތަކަކީ އަޅުގަނޑުމެންގެ ސިއްހަތަށް ނުރަނގަޅު އަސަރުކުރާ ކެމިކަލްތައް. ހަމަ އެހެންމެ ތިމާވެއްޓަށް ވެސް އޭގެން ނެދެވޭ އަސަރުކުރާ ކެމިކަލްތައް ވެސް އަޅުގަނޑުމެންނަށް އެބަ އެތެރެކުރެވޭ." ޒުހައިރު ވިދާޅުވި އެވެ.

ދިވެހިން ބޭނުން ކުރާ ތަފާތު ބާވަތްތަކުގެ ތަކެތި އުކާލާ އިރު އެތަކެތިން ސިއްހަތަށް އަދި ދިވެހިންގެ ތިމާވެއްޓަށް ގެއްލުން ނުވާ ގޮތަކަށް އެފަދަ ތަކެތި ނައްތާލުމަށް ވެސް ޒުހައިރު ވަނީ އެދިވަޑައިގެންފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، މިއަދު ސޮއިކުރި އެމްއޯޔޫއަކީ ގައުމަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.