12 Nov 2014, 13:51
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާއެކު ޖެހިގެންއައި ދުވަހު އައްޑޫ ސިޓީގެ ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖަހައި އަންދާލި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ފަސް މީހަކާ ދެކޮޅަށް އަނެއްކާވެސް ފުލުހުން ހެކިބަސްދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ސ. ހިތަދޫ މަބްރޫކްގެ ޒަމީން މުހައްމަދާއި ސ. ފޭދޫ ރައިހާނުގޭ އަލީ އާސިމްއާއި ހަމައެރަށު ރީތިގަސްދޮށުގޭ މުހައްމަދު އިމްތިޔާޒު އާއި ސ. މަރަދޫ ފޮރެސްޓް ނިޝާލް މޫސާ އާއި ސ. މަރަދޫފޭދޫ އިރަމާގޭ މުހައްމަދު ހަމީދާ ދެކޮޅަށް ފުލުހުން ވަނީ ހެކިބަސްދީފައެވެ. އެހެންނަމަވެސް ދައުވާ ލިބޭ ސ. ފޭދޫ ކާމަރަގަގޭ އިބްރާހީމް ނިޒާރުއާ ދެކޮޅަށް ހެކިބަސް ލިބިފައެއްނުވެ އެވެ.
އެމީހުންގެ ތެރެއިން ޒަމީން މުހައްމަދާ ދެކޮޅަށް ދެ ފުލުހަކު ވަނީ ހެކިބަސްދީފަ އެވެ. ހެކިބަސްދިން އެއް ފުލުހަކު ބުނީ ފޭދުއާ ގަމާ ގުޅޭ ކޯޒުވޭމަތީގައި ފުލުހުންނާ ދިމާލަށް ގާ އުކި މީހުންގެ ތެރޭގައި އޭނާ ހުރި ކަމަށެވެ. ނަމަވެސް އޭނާ ގާ އުކިތަން ނުދެކޭ ކަމަށާއި އެހެންނަމަވެސް ގަން ޕޮލިސްޓޭޝަން ތެރެއަށް އިތުރުބަޔަކާ އެކު އޭނާ ވަދެފައިވާ ކަމަށް ހެކިބަސްދިން ފުލުސް މީހާ ބުންޏެވެ.
ޒަމީންއާ ދެކޮޅަށް ހެކިބަސްދިން ދެވަނަ ފުލުސްމީހާ ބުނީ އޭނާ ފުލުހުންގެ ޝީލްޑުތަކުގައި ތަޅައި ފުލުހުންނާ ދިމާލަށް ގައުކާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ، ގަން ޕޮލިސް ސްޓޭޝަންތެރެއަށް ވަދެގަތްތަން ނުދެކޭ ކަމަށް ފުލުސްމީހާ ބުންޏެވެ.
ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ހެކިބަސްދިން ހަތަރު ފުލުހަކު ވަނީ އެމީހުންގެ ތެރެއިން އާސިމްއާ ދެކޮޅަށް ހެކިބަސްދީފައެވެ. ފޭދުއާ ގަމާ ގުޅޭ ކޯޒުވޭމަތީގައި ހުރެ ފުލުހުންނާ ދިމާލަށް އޭނާ ގާ އުކިކަމަށް ތިން ފުލުހަކު ވަނީ ހެކިބަސްދީފަ އެވެ.
އެމީހުންގެ ތެރެއިން ނިޝާލް، ކޯޒުވޭ މަތީގައި ހުރެ ފުލުހުންނާ ދިމާލަށް ގާ އުކިކަމަށް ތިން ފުލުހަކު ވަނީ ހެކިބަސްދީފަ އެވެ. އަދި ފުލުހުންގެ ޝީލްޑުތަކުގައި ތަޅައި ގަން ޕޮލިސްޓޭޝަން ތެރެއަށް އޭނާ ވަދެގެންފައިވާ ކަމަށް ވެސް ފުލުހަކު ހެކިބަސްދީފައިވެ އެވެ.
ފުލުހުންނާ ދިމާލަށް ގާ އުކި މީހުންގެ ތެރޭގައި ދައުވާ ލިބޭ ހަމީދު ހުރިކަމަށާއި އޭނާ ގަން ޕޮލިސްޓޭޝަން ތެރެއަށް ވަދެގަތް ކަމަށް ފުލުހަކު ވަނީ ހެކިބަސްދީފައެވެ. އެހެންނަމަވެސް އޭނާ ގާ އުކި ކަމަށް އެއްވެސް ފުލުހަކު ހެކިބަސްދީފައެއް ނުވެއެވެ.
ދައުވާ ލިބޭ އިމްތިޔާޒު ފުލުހުންނާ ދިމާލަށް ގާ އުކި ކަމަށް ދެ ފުލުހަކު ހެކިބަސްދީފައިވެ އެވެ. އޭގެތެރެއިން އެއް ފުލުހަކު ބުނީ ކޯޒުވޭ މަތީގައި ހުރެ ފުލުހުންނާ ދިމާލަށް ގާ އުކައި ރުޅިވެރިކަމާ އެކު ފުލުހުންނަށް އޭނާ ހަމަލާދީފައިވާ ކަމަށެވެ. އަދި ފުލުހުންގެ ޝީލްޑުތަކުގައި ތަޅައި ގަން ޕޮލިސް ސްޓޭޝަން ތެރެއަށް އޭނާ ވަދެގެންފައިވާ ކަމަށް ވެސް ފުލުހަކު ވަނީ ހެކިބަސްދީފަ އެވެ.
އެ މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސްނެގުމެވެ.