12 Nov 2014, 13:32
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ 54 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެންޕިއަންކަން މޫސާ މުންސިފް އާއި މުހަންމަދު މުންތިފް ހޯދައިފި އެވެ.
ފުރަތަމަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެންޕިއަންކަން މުންސިފް އާއި މުންތިފް ހޯދާފައި ވަނީ ފައިނަލްގައި މުހަންމަދު ޒީސްތު ނަސީމް އާއި މުހަންމަދު މައިޒަރު އާ ބައްދަލުކޮށް، ތިން ސެޓު ދެ ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ.
މި މުބާރާތުގައި ރޭ އިތުރަށް ކުޅުނު މެޗުތަކުގައި 15 އަހަރުން ދަށުގެ ފިރެހެން ސިންގަލްސް ޗެންޕިއަންކަން މުހަންމަދު ޝައްފާން އިސްމާއިލް ހޯދާފައި ވާއިރު، 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެންޕިއަންކަން ހޯދާފައި ވަނީ ލައިސާ ފަތުހުﷲ އެވެ.
ޝައްފާން ޗެންޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި އަހުމަދު ޒައިދާން އާ ބައްދަލުކޮށް ތިން ސެޓުގެ ތެރޭން ދެ ސެޓު ކާމިޔާބު ކޮށްގެނެވެ. އަދި ލައިސާ ޗެންޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި ސަދާ މަމްދޫހް އާ ވާދަކޮށް ތިން ސެޓުގެ ތެރޭން ދެ ސެޓު ކާމިޔާބު ކޮށްގެނެވެ.
މި މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސިންގަލްސް ފައިނަލް މެޗުވެސް ރޭ ވަނީ ކުޅެފައެވެ. ދެވަނަ ޑިވިޝަންގެ ސިންގަލްސް ޗެންޕިއަންކަން ހުސެއިން ސިފާން ހޯދާފައި ވާއިރު، އޭނާ ޗެންޕިއަންކަން ހޯދާފައި ވަނީ ފައިނަލްގައި އަހުމަދު ޝާޒިލް އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބު ކޮށްގެނެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުތަކުގައި ދެވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސްގެ ފައިނަލަށްވެސް ވަނީ ދެ ޓީމެއް ހޮވިފައެވެ. އެގޮތުން މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފައިނަލަށް ހޮވިފައިވަނީ، އަހުމަދު ޝާޒިލް އަދި އަބްދުﷲ ޝަރީފް ގެ ޕެއާ އާއި އަލީ ސުޖާއު އަދި އިބްރާހިމް ޝަފީން ގެ ޕެއާ އެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗުތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 6:00 ގައެވެ. އަދި މެޗުތަކުގެ ކުޅުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ސޯޝަލް ސެންޓަރުގެ ޓީޓީ ހޯލަގައެވެ.