12 Nov 2014, 13:24
ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއާއީގެ ފޯވަޑް ލުއިސް ސުއަރޭޒް އަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުން ކަމަށް އެޓީމުގެ ގޯލްކީޕަރު ކްލާއުޑިއޯ ބްރާވޯ ބުނެފި އެވެ.
ބައިނަލްއަގުވާމީ ރަޙުމަތްތެރިކަމުގެ މެޗުތަކެއްގައި ވެނެޒުއެލާ އާއި އުރުގުއާއީ އާ ދެކޮޅަށް ނުކުތުމުގެ ކުރިން ޗިލީ އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަމުން ޗިލީ އަދި ބާސެލޯނާގެ ކީޕަރު ބްރާވޯ ބުނީ ސަސްޕެންޝަނަށްފަހު އެނބުރި އައިސް ސުއަރޭޒްގެ ފަރާތުން ފެންނަމުންދާ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އޭނާ އަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަރައި މޮޅުވަމުން ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި ސުއަރޭޒްގެ ފަރާތުން، އޭނާ ލިވަޕޫލްގެ ޖާޒީގައި ދެއްކި ފަދަ ކުޅުމެއް ފެންނާނެ ކަމަށާއި ސުއަރޭޒް ވެގެންދާނީ ޓީމައް ފައިދާކުރުވަނިވި މުހިއްމު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.
" ސުއަރޭޒް އަކީ މޮޅު އަދި އެހާމެ މުހިއްމު ކުޅުންތެރިއެއް. އޭނާގެ މުހިއްމުކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން. ސަބަބަކީ އޭނާގެ ކުޅުމުގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅު ވަމުން އަންނާތީ. ކުރިއަށް ހުރި މެޗުތަކުގައި ލިވަޕޫލްގެ ޖާޒީގައި ދެއްކި ފަދަ ކުޅުމެއް ބާސެލޯނާގައިވެސް އޭނާގެ ފަރާތުން ފެނިގެން ދާނެ،" ބާސެލޯނާގެ ގޯލްކީޕަރު ބްރާވޯ ބުންޏެވެ.
ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑް ކަޕުގެ މެޗެއްގައި އިޓަލީގެ ޑިފެންޑަރު ކިއެލިނީގެ ކޮނޑުގައި ދަތް އެޅި މައްސަލައެއްގައި ހަތަރު މަސްދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލުމަށްފަހު މިދިޔަ މަހުގެ ކުޅުނު މަޝްހޫރު އެލް ކްލޭސިކޯގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވި މެޗުގައި ސުއަރޭޒް ވަނީ ކުޅެފަ އެވެ. ފުރަތަމަ އެގާރައިގައި ސުއަރޭޒް ކުޅެން ނުކުތް ނަމަވެސް އެދެވޭ ކުޅުމެއް ނުދެއްކި ދެވަނަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ އޮތީ ރެއާލް މެޑްރިޑަށްވުރެ ފަހަތުން ލީގު ތާވަލުގެ ދެވަނައިގައި 25 ޕޮއިންޓާއެކުގަ އެެވެ.