ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ނ. އަތޮޅު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް 'އޭ' އިން މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އާއި ހޮޅުދޫ ބޭސް ޖަމިއްޔާ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މި ދެޓީމު އިއްޔެ ބައްދަލު ކުރި މެޗުން މިލަދޫ ބަލިވި ކަމުގައި ވިޔަސް އެ ޓީމު ސެމީއަށް ގޮސްފައިވަނީ އެ ގްރޫޕްގައި ހިމެނޭ ވެލިދޫ ކްލަބު އެމުނި ކުޅުނު ދެ މެޗުންވެސް ބަލި ވުމާ ގުޅިގެންނެވެ.

ހޮޅުދޫ ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ހޮޅުދޫ ޓީމުން މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ. މެޗުގެ ހަމައެކަނި ގޯލު ހޮޅުދޫ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިބްރާހީމް ރަޝީދު (ކަކާ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެ ޓީމުގެ މޫސާ އިބްރާހީމް (މުސްތޭ) އެވެ.

މި މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ކުޑަފަރީ ޔޫތު މޫވްމެންޓާއި ޅޮހީ ޒުވާނުންގެ ކްލަބެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގްރޫޕް 'އޭ'ގައި ހިމެނެނީ ވެލިދޫ ކްލަބު އެމުނި އާއި މިލަދޫ ނިއުޓްރަލް ޔޫތު ކޮމިއުނިޓީ އަދި ހޮޅުދޫ ބޭސް އެވެ. އަދި ގްރޫޕް 'ބީ'ގައި ހިމެނެނީ މަނަދޫ ޒުވާނުންގެ ގުޅުމާއި ކުޑަފަރީ ޔޫތު މޫވްމެންޓް އަދި ޅޮހީ ޒުވާނުންގެ ކްލަބް އެވެ.