12 Nov 2014, 13:04
ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންނުވާ ކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި އެޓޭކިން މިޑްފީލްޑަރު އެޑިން ހަޒާޑް ބުނެފި އެވެ.
ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެލްސީއަށް ކުޅެމުން އަންނަ 23 އަހަރުގެ ޒުވާން ކުޅުންތެރިޔާ ބުނީ ސްޕެއިންގެ ކްލަބަށް ބަދަލުވާން އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމަށާއި އޭނާގެ ހުވަފެންތަކުގައި ކުލަޖައްސަން ބޭނުންވަނީ ޗެލްސީގެ ޖާޒީގައި ކަމަށެވެ.
" އަހަރެން އެއްވެސް ހާލެއްގައި ބޭނުމެއްނޫން ޗެލްސީ ދޫކޮށްލާފައި ރެއާލް މެޑްރިޑަށް ބަދަލުވާން. އަހަރެން ހުވަފެންތައް ދެކޭ ހަމައެކަނި ކްލަބަކީ ޗެލްސީ. އަދި ބޭނުންވަނީ ޗެލްސީގެ ޖާޒީގައި ކުޅެ އެ ހުވަފެންތަކުގައި ކުލަ ޖައްސަން. ޔަގީން އަހަރެންނަށް ކާމިޔާބީ ލިބޭނެކަން،" ހަޒާޑް ބުންޏެވެ.
ހަޒާޑް ބުނީ ޗެލްސީއާ ގުޅުނީ ކާމިޔާބީ ލިބޭނެކަން އިނގޭތީވެ ކަމަށާއި އެ ކްލަބުގައި ހޭދަކުރަމުންދަނީ ވަރަށްވެސް އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދި ދުވަހަކުވެސް ޗެލްސީ ދޫކޮށްލާފައި ދާން ބޭނުންނުވާ ކަމަށާއި އެޓީމަކީ މިހާރުވެސް ޔޫރަޕްގެ އެންމެ މޮެޅެތި ކްލަބުތަކުގެ ތެރެގައި ހިމެނޭ ކްލަބެއް ކަމަށެވެ.
" އަހަރެން ޗެލްސީ ޚިޔާރުކުރި ސަބަބަކީ އަހަރެންނަށް އިނގޭ މި ކްބަލުގައި ހުރެގެން ކާމިޔާބީ ތަކާ ހަމައަށް ވާސިލް ވެވޭނެކަން. އެހެންވެ އެއްވެސް ވަރަކަށް ބޭނުމެއްނޫން މި ކްލަބް ދޫކޮށް ދާން. އަހަރެންނަކަށް ނޭނގެ އަހަރެން މިއީ ޗެލްސީ ގައި ހުރި އެންމެ މުހިއްމު ކުޅުންތެރިޔާ ކަމެއް. އިނގޭހާވެސް އެއްޗަކީ މޮޅަށް ކުޅެވޭކަން،" ހަޒާޑް ބުންޏެވެ.
ހަޒާޑް ވަނީ ނިމިގެންދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފަ އެވެ. އޭނާ އަންނަނީ މި ސީޒަންގައިވެސް ރަނގަޅު ކުޅުމެއް ދައްކައި ޗެލްސީގެ ފޯވަޑް ލައިންގައި ފޯރިމަރަމުންނެވެ.