12 Nov 2014, 12:55
އޭޓީޕީ ބާކްލޭސް ވޯލްޑް ޓުއާ ޓެނިސް މުބާރާތުގައި ޖަޕާނުގެ ކެއި ނިޝިކޯރީގެ މައްޗަށް ކުރި ހޯދައި ސްވިޒަލޭންޑްގެ ތަރި ރޮޖާ ފެޑެރާ، ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ އަކާ ފިޔަވަޅަކަށް ކައިރިއަށް ޖެހިލައިފި އެވެ.
ރޭ ލަންޑަންގެ އޯޓޫ އެރީނާގައި ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗު ފެޑެރާ ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-3 އަދި 6-2 އިންނެވެ. ނިޝިކޯރީގެ ފަރާތުން މެޗުގެ ކުރީކޮޅު ރަނގަޅު ޕްރެޝަރެއް ފެޑެރާ އާ ކުރިމަތިވި ކަމުގައިވިޔަސް ތިންވަނަ ގޭމްގައި ޖަޕާނުގެ ކުޅުންތެރިޔާގެ ސާވް ބްރޭކް ކޮށް ދުނިޔޭގެ ދެވަނައަށް ރޭންކް ކުރެވިފައިވާ ފެޑެރާ ވަނީ މެޗުން ކުރިހޯދާފަ އެވެ.
ގްރޫޕް ސްޓޭޖު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ އަށް ކުޅުންތެރިން ވާދަކުރާއިރު ގްރޫޕް ބީގެ އެއްވަނައިގައި ފެޑެރާ އޮތީ މިހާތަނަށް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެންނެވެ. މި ގްރޫޕްގައި މާދަމާރޭ ކުޅޭ މެޗުގައި ސާބިއާގެ މިލޯސް ރައުނިޗް އަތުން ސްކޮޓްލޭންޑްގެ އެންޑީ މަރޭއަށް ކުރި ލިބިއްޖެނަމަ ފެޑެރާއަށް ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވައި ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ވެގެންދާނެ އެވެ. އަނެއްކޮޅުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނިޝިކޯރީ އަތުން ބަލިވެފައިވާ މަރޭއަށް ރައުނިޗްގެ އަތުން މޮޅުވެވިގެންނޫނީ ސެމީއަށް ދިއުމުގެ ފުރުސަތެއް ނެތެވެ.
އޭޓީޕީ ފައިނަލްސްގެ ގްރޫޕް 'އޭ'ގައި ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ވަނީ އޭނާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. މަރިން ޗިލިޗް އާ ވާދަކޮށް ޖޮކޮވިޗް ކުރިހޯދީ 6-2 އަދި 6-1 ންނެވެ.
މި މުބާރާތުގެ ގްރޫޕސް ސްޓޭޖުގައި ބާކީ އޮތް ދެމެޗު ޖޮކޮވިޗް ކާމިޔާބުކޮށްފިނަމަ އޭނާއަށް އަހަރުގެ އެއްވަނަ ޓެނިސް ކުޅުންތެރިއާގެ ގޮތުގައި ސީޒަން ނިންމާލެވޭނެ އެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ މެޗުތަކެވެ. ފުރަތަމަ މެޗުގައި ސްވިޒަލޭންޑްގެ ސްޓާންސިލާސް އާއި ޖޮކޮވިޗް ވާދަކުރާއިރު ދެވަނަ މެޗުގައި ޗިލިޗް އާ ދެކޮޅަށް ސާބިއާގެ ތޯމަސް ބާޑިޗް ނުކުންނާނެ އެވެ.