ރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން މިދިޔަ މަހު ބޭއްވި ކުންފުނިތަކާއި އޮފީސްތަކުގެ ނެޓްބޯޅަ މުބާރާތުގައި އަންޕަޔަރުކަން ކުރަން ޝްރީލަންކާއިން ގެނައި އަންޕަޔަރު ބިޔަންކާ މެނުއެލް ވަތުކަރައާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ފަތުރާފައިވާ ވާހަކަތައް އެ އެސޯސިއޭޝަނުން ދޮގުކޮށްފި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަންގެ ނައިބުރައީސް މުހަންމަދު ނަބީލް މިއަދު 'ސަން'އަށް ވިދާޅުވީ، ބިޔަންކާ އަންޕަޔަރުކަން ކުރި މެޗުތަކުގެ އަގު އޭނާއަށް ނުލިބުމުގެ ސަބަބުން އޭނާ ހާލުގައި ޖެހި މާލެތެރެއަށް ގިނަވެގެން އުޅޭ ވާހަކަތަކަކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި، އޭނާ ލަނަކާއަށް އަނބުރާ ދިޔުމުގެ އިންތިޒާމް އެ އެސޯސިއޭޝަނުން ހަމަޖައްސާފައި ނުވާކަމަށް ދެކެވޭ ވާހަކަތަކަކީވެސް މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އަންޕަޔަރު ބިޔަންކާ މާލެއިން ފުރުމާ ހަމައަށްވެސް އޭނާގެ ކެއުމާއި ހުރުމުގެ ކަންކަން ހަމަޖައްސާފައި ވާނީ ނެޓްބޯޅަ އެސޯސިއޭޝަނުންކަމަށާއި، އަދި ދިމާވި ހަމައެކަނި މައްސަލައަކީ އެ އެސޯސިއޭޝަނަށް ބަޖެޓްގެ ދަތިކަން ހުރުމުގެ ސަބަބުން އޭނާއަށް ދޭންޖެހޭ އަގު ދިނުން "ތަންކޮޅެއް ލަސްވުން" ކަމަށެވެ.

"އަޅުގަނޑުމެން މުބާރާތް ކުރިއަށް ގެންދަން ފުރަތަމަ ރޭވީ ރާއްޖޭގެ އެންމެ އަންޕަޔަރެއް ބޭނުންކޮށްގެން. ނަމަވެސް ދާދި ފަހުން މަގާމާ ހަވާލުވި އަޅުގަނޑުމެންގެ ޖެނެރަލް ސެކްރެޓެރީ އަހުމަދު ޝަމްއޫންގެ ލަފާޔާ އެކު ބޭރުން ދެވަނަ އަންޕަޔަރެއް ގެނައީ. ޝަމްއޫން ވިދާޅުވީ ބިޔަންކާއަށް އަގު ދިނުމުގެ ޒިންމާ އެ ބޭފުޅާ ނަގާނެކަމަށް. ނަމަވެސް ވަގުތު ޖެހިގެން ދިޔަ އިރުވެސް އެ ބޭފުޅާއަށް އެކަން ހަމަޖެއްސޭ ގޮތެއް ނުވި. މީ އެ ބެފުޅާއަށް މަގާމުގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އުފުލިފައި ނުވުމުން ދިމާވި ކަމެއް. މި މައްސަލަ ބެލުމަށް މިއަދު އަޅުގަނޑުމެންގެ އެސޯސިއޭޝަނުގެ ހާއްސަ ކޮމިޓީއެއްގެ ބައްދަލުވުމެއް ބާއްވާނަން. އަދި މިކަމާ ގުޅޭގޮތުން ފިޔަވަޅު އަޅަން ޖެހޭ ފަރާތަކާ މެދު އަޅުގަނޑުމެން ފިޔަވަޅު އަޅާނަން،" ނަބީލް ވިދާޅުވި އެވެ.

ނަބީލް އިތުރަށް ވިދާޅުވީ، ބަޖެޓްގެ މައްސަލަ އެ އެސޯސިއޭޝަނަށް ކުރިމަތިވެފައިވަނީ، ޔޫތު މިނިސްޓްރީން މިއަހަރު އެ އެސޯސިއޭޝަނަށް ކަނޑައަޅާފައިވާ ބަޖެޓްގެ ބައެއް ނުލިބި ވުމުން ކަމަށާއި، އެކަމާ ގުޅިގެން މި މުބާރާތް ބާއްވާފައި ވަނީ ސްޕޮންސާ އެއްގެ އެހީގައި ލިމިޓެޑް ބަޖެޓެއްގައި ކަމަށެވެ. އަދި މުބާރާތް ކުރިއަށް ގެންދިޔުމުގައި އެހެނިހެން ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހުނު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެކިއެކި މައްސަލަތަކާ ކުރިމަތިލާން ޖެހުނު. އެގޮތުން މިދިޔަ މަހު ކުރި ވިއްސާރައިގެ ސަބަބުން އައުޓްޑޯ ކޯޓުގައި މުބާރާތް ކުރިއަށް ނުގެންދެވިގެން އިންޑޯ ކޯޓް ލިބޭތޯ އެދުމުން އެކޯޓް ވަނީ ލިބޭގޮތް ނުވެފައި. މީގެ އިތުރުން އަޅުގަނޑުމެން މެޗުތަށް ކުރިއަށް ގެންދިޔަ އައުޓްޑޯ ނެޓްބޯޅަ ކޯޓު ކުރިން އޮތީ މި އެސޯސިއޭޝަންގެ ބެލުމުގެ ދަށުގައި. ނަމަވެސް މުބާރާތުގެ މެދުތެރޭން ޔޫތު މިނިސްޓްރީން ވަނީ އެ ކޯޓު އެ މިނިސްޓްރީގެ ދަށަށް ބަދަލު ކުރިކަމަށް އަންގާފައި. އެކަމުގެ ސަބަބުން އަޅުގަނޑުމެނަށް ކޯޓު ހޯދަން ވަނީ ވަރަށް ދަތިވެފައި. މިކަހަލަ ސަބަބުތަކާ އަޅުގަނޑުމެން މި މުބާރާތް ކުރިއަށް ގެންދަން ރާވާފައިވާ މުއްދަތު ވަނީ އިތުރު ކުރަން ޖެހިފަ. އަޅުގަނޑުމެން ބިޔަންކާ އަނބުރާ ލަންކާއަށް ފޮނުވާލުން ލަސްވާން ދިމާވި ސަބަބަކީ މީ،" ނެޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ވިދާޅުވި އެވެ.

ބިޔަންކާ ވަނީ މިއަދު ލަންކާއަށް އެނބުރި ގޮސްފައި ކަމަށާއި، އޭނާ ރާއްޖޭގައި ހުރި މުއްދަތުގައި އޭނާއާ ދޭތެރޭ އެސޯސިއޭޝަނުން ކަންތައް ކޮށްފައިވާ ގޮތާ މެދު އޭނާ ވަރަށް ހިންހަމަޖެހޭ ކަމަށް ބުނެފައި ވާކަމަށްވެސް ނެޓްބޯޅަ އެސޯސިއޭޝަނުން ބުންޏެވެ.