އިނގިރޭސި ކްލަބް އާސެނަލްގައި އިތުރު ދެ އަހަރު ދުވަހުގެ މުއްދަތަކަށް މަޑުކުރަން އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު މިކެލް އާޓެޓާ އެއްބަސްވެއްޖެ އެވެ.

އެވަޓަން އިން 2011 ވަނަ އަހަރު އާސެނަލް އަށް ބަދަލުވި އާޓެޓާ މިހާރު ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ނިޔަލަށް ހަމަވާ އިރު އޭނާ ވަނީ 2016 ވަނަ އަހަރާ ޖެހެންދެން ކްލަބުގައި މަޑުކުރަން ނިންމައި ކްލަބާ އެކު އެއްބަސްވެފަ އެވެ.

އާސެނަލް އާ ގުޅުމަށްފަހު 32 އަހަރުގެ މިޑްފީލްޑަރު ވަނީ ޓީމުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް ފަހަކަށް އައިސް އަނިޔާގެ މައްސަލަތަކާ ހެދި އާޓެޓާ އަށް އޭނަގެ އަސްލު ފެންވަރުގައި އާސެނަލްގެ މެދުތެރޭގައި ހަރަކާތްތެރި ވެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އަންދްރަލެޓް އާ ވާދަކުރި މެޗުގައި ވެސް ލިބުނު އަނިޔާ އަކާ ގުޅިގެން އޭނާ ވަނީ ދެވަނަ ހާފުގައި ބަދަލު ކޮށްފަ އެވެ. ފުރަތަމަ ހާފުގައި އާޓެޓާގެ ފަރާތުން ގިނަ މިސްޕާސްތަކެއް ފެނިގެން ދިޔަ މެޗުގައި އާސެނަލް އިން ފުރަތަމަ ތިން ލަނޑުޖަހައި ކުރިހޯދި ނަމަވެސް އަންދްރަލެޓް އިންވަނީ ފަހަތުން އަރައި މެޗު އެއްވަރުކޮށްފަ އެވެ.

އާސެނަލްގެ މެނޭޖަރު އާސެން ވެންގާ ވަނީ އެކްލަބުގެ މެދުތެރެ ވަރުގަދަ ކުރުމަށް ޓަކައި މިފަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ހޯލްޑިންގް މިޑްފީލްޑަރެއް ހޯދާނެކަމަށް މީގެ ކުރިން ބުނެފަ އެވެ. ނިމިގެން ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޖަރުމަނުގެ ކުޅުންތެރިއާ ސެމީ ޚެޑީރާގެ އާސެނަލް އާއި ގުޅެން އުޅޭކަމުގެ ވާހަކަތައް ފެންމަތިވެފައި ވީނަމަވެސް 27 އަހަރުގެ ކުޅުންތެރިއާގެ ބައިއައުޓް ޓްރާންސްފާ އަގާމެދު ވެންގާ ހިތްހަމަހޭގޮތް ވަނީ ނުވެފަ އެވެ. މީގެ އިތުރުން ޑޯޓްމައުންޑްގެ ހުނަރުވެރި މިޑްފީލްޑަރު ލާސް ބެންޑާގެ އިތުރުން ޕޯޗުގަލް ލީގުގެ ކްލަބެއް ކަމަށްވާ ސްޕޯޓިންގް ލިޒްބަން އަށް ކުޅެމުން އަންނަ ވިލިއަމް ކާރްވާލޯ އަށްވެސް މެނޭޖަރު ވެންގާ ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އާސެނަލް އަށް މި ސީޒަންގައި އަނިޔާގެ ގިނަ މައްސަލަތަކާއި ދިމާވެފައިވާ އިރު އައާޓެޓާ އަށް އަނިޔާ ވުމުން ވެންގާ އަށް ވަނީ އިތުރު ނުތަނަވަސްކަމަކާއި ކުރިމަތިވެފަ އެވެ. ޓީމުގެ މެދުތެރޭގައި އާޓެޓާގެ އިތުރުން ހޯލްޑިންގް މިޑްފީލްޑަރެއްގެ ރޯލު އަދާކުރަމުން އަންނަ ވިލްޝެއާ ވެސް ހުރީ އަނިޔާގަ އެވެ.

އާޓެޓާ ވަނީ މިހާތަނަށް އާސެނަލް އަށް 100 އަށްވުރެ މެޗު ގިނަ މެޗު ކުޅެދީ 14 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފަ އެވެ. ރިޕޯޓްތައް ބުނާގޮތުން 2016 ވަނަ އަހަރުގެ ނިޔަލަށް އާޓެޓާގެ ކުޅުމުގެ ފެންވަރު ބަލައި އޭނާ އަށް އާސެނަލްގެ ފުރަތަމަ އެގާރައިން ޖާގަ ލިބޭނަމަ އޭނާގެ ކޮންޓްރެކްޓް އިތުރުކުރަން އެޓީމުން ވަނީ ނިންމައިފަ އެވެ.