12 Nov 2014, 11:49
ޓޮޓެންހަމްގެ ސަޕޯޓަރުންނަށް އެއްވެސް އިރެއްގައި ފާޑުކިޔާފައި ނުވާނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޓޯގޯގެ ފޯވަޑް އެމަނުއެލް އަޑެބަޔޯ ބުނެފި އެވެ.
ޕްރިމިއާ ލީގް ތާވަލުގެ 12 ވަނައިގައި އޮތް ޓޮޓެންހަމްގެ ފޯވަޑް ބުނީ ޓީމުގެ ސަޕޯޓަރުންނާ ދިމާލަށް އެއްވެސް އިރެއްގައި ފާޑު ކިޔާފައި ނުހުންނާނެ ކަމަށާއި ނަމަވެސް އަމިއްލަ ދަނޑުގައި ކުޅޭއިރު ސަޕޯޓަރުންގެ ފަރާތުން ޓީމަށް ސަޕޯޓްދޭ ތަނެއް ނުފެންނާތީ މެޗު ތެރޭގައި އެމީހުން ޓީމުގެ ކުޅުންތެރިންގެ ފަހަތުގައި ތިބެގެން އެމީހުންނަށް ހިތްވަރުދޭން ގޮވާލާފައިވާ ކަމަށެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ވައިޓްހާޓްލޭން ގައި 2-1 ން ސްޓޯކް ސިޓީ އަތުން ބަލިވި މެޗަށް ފަހު އަޑެބަޔޯ ބުނީ އަމިއްލަ ދަނޑުގައި ކުޅުމަށްވުރެ ރަށުން ބޭރުގައި ކުޅުން މާރަނގަޅު ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނެފައި ވަނީ ސަޕޯޓަރުންގެ ފަރާތުން އެދެވޭ ސަޕޯޓެއް މެޗު ކުޅޭއިރު ނުފެންނާތީ ކަމަށެވެ.
"އެއްވެސް އިރެއްގައި ނުހުންނާނެ ޓީމުގެ ސަޕޯޓަރުންނަށް ފާޑުކިޔާފައެއް. ރިޕޯޓަރަށް އޮޅިފައި އެއޮތީ. އަހަރެން ބުނީ މެޗު ކުޅޭ އިރު ސަޕޯޓަރުން ޓީމުގެ ފަހަތުގައި ތިބޭނެ ނަމައޭ. އެހެން ބުނީ ޓީމުގެ ފައިދާ އަކަށް،" އުމުރުން 30 އަހަރުގެ ފޯވަޑް ބުންޏެވެ.
ކުރިން ވާދަވެރި އާސެނަލް އާއި މެންޗެސްޓާ ސިޓީ އަށް ވެސް ކުޅެފައިވާ ފޯވަޑް ބުނީ ޓީމު ދެކެ ވަރަށް ލޯބިވާ ކަމަށާއި ޓީމުގައި ހުރީ އުފަލުން ކަމަށެވެ. އަދި ޓީމުގެ ހުރިހާ ހުރިހާ ކުޅުންތެރިން ވެސް މަސަތްކަތް ކުރަނީ ކާމިޔާބަށް ކަމަށާއި ސަޕޯޓަރުންގެ ފަރާތުން ވެސް އެހީ ބޭނުންވާ ކަމަށެވެ.
"އަސްލު ވާއެއްޗަކީ ކުޅުމުގެ ތެރޭގައި އެންމެ ބޯޅަ އެއްވެސް ގޯސްކޮށް ޖެހިއްޖެ ނަމަ ދެން ސަޕޯޓަރުން ހަރަކާތްތައް ހުންނަ ގޮތުން އެކުޅުންތެރިއަކު ޕްރެޝަރަށް ވެއްޓިގެންދޭ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭ އިރު އެންމެންވެސް ބޭނުންވާނީ އެކުޅުންތެރިންނަށް ސަޕޯޓް ކޮށްދޭން. އަހަރެން މި ޓީމުދެކެ ނުލާހިކު ލޯބިވޭ. ސަޕޯޓަރުންގެ އެހީއާ އެކު ހުރިހާ ކުޅުންތެރިންގެ ވެސް އަމާޒަކީ ކާމިޔާބު،" އަޑެބަޔޯ ބުންޏެވެ.
ޓޮޓެންހަމް އޮތީ އިނގިރޭސި ލީގު ތާވަލުގެ 11 ވަނައިގައި 14 ޕޮއިންޓާއެކު އެވެ.