އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ބަދަހިވެ، ވަރުގަދަ ވަމުންދާނެ ކަމުގެ ޔަގީންނަ އެބަ އޮތް ކަމަށް އިންޑިއާގެ ރައީސް ޕުރަނާބު މުކަރުޖީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ފޮނުއްވި މެސެޖެއްގައި މުކަރުޖީ ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަނީ އިތުބާރާއި އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ރަހުމަތްތެރި ގާތް ގުޅުމެއް ކަމަށެވެ.

"... އިންޑިއާ އާއި ދިވެހި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުން، ނޮވެމްބަރު މަސް ފެށުމުން ފާހަގަ ކުރަމުން އަންނަ އިރު ކުރިއަށް އޮތް އަހަރުތަކުގައި ރައްޔިތުންނަށް ފައިދާ ކުރާ ގޮތަކަށް، ދެގައުމުގެ ގުޅުން އިތުރަށް ފުޅާވެ، ވަރުގަދަ ވަމުން ދާނެކަމުގެ ޔަގީންކަން އަޅުގަނޑަށް އެބަ އޮތެވެ،" ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސް ޔާމީނަށް އިންޑިއާގެ ރައީސް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވާ ކަމަށް، އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީބަވަން އިން ނެރުނު ބަޔާނެއްގައިވެ އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް އިންޑިއާ ހައިކޮމިޝަނާއި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ-މޯލްޑިވްސް (ފެއިމް) އިން އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.