ކެނެޑާގެ ސެންޓްރަލް ޕްރޮވިންސް، ސަޗްކެޓްސިވާންގެ ސިޓީއެއް ކަމަށްވާ ޕްރިންސް އެލްބާޓުގެ ފުލުުހުން "ޕޮޒިޓިވް ޓިކެޓިންގް ޕްރޮގްރާމް"ގެ ނަމުގައި ވަރަށް ތަފާތު ކެމްޕޭނެއް ފަށައިފި އެވެ.

ބީބީސީން އިއްޔެ ބުނިގޮތުގައި ޕްރިންސް އެލްބާޓުގެ ފުލުުހުން ފަށާފައިވާ "ޕޮޒިޓިވް ޓިކެޓިން ޕްރޮގްރާމް" އަކީ ޒުވާނަކު މަގުމަތީގައި ހުންނަ ކުނި، މަގުގެ އެއްފަރާތައް ޖައްސާލައި، މަގު ހުރަސްކުރާ އިރު ޒިބްރާ ކްރޮސް ބޭނުންކޮށް، ދުވަސްވީ މީހަކަށް އެހީވެދީ ނުވަތަ އެފަދަ އެހެން އޯގާތެރި ކަމެއް ކުރާތަން ފުލުހަކަށް ފެނިއްޖެނަމަ އެ ޒުވާނަކަށް ޓިކެޓެއް ނުވަތަ ސްލިޕެއް ދިނުން ކަމަށެވެ. މި ސްލިޕަކީ ޖޫރިމަނާ ސްލިޕެއް ނޫނެވެ. މިސްލިޕް ކޮޅަކީ އެޒުވާނަކަށް ހަދިޔާއެއްގެ ގޮތުން ރެސްޓޯރަންޓަކުން ހިލޭ ބާގާއެއް ނުވަތަ ގުރުއަތުލައިގެން ސިނަމާއަކުން ހިލޭ ފިލްމެއް ބަލައިލުމުގެ ފުރުސަތުދޭ ސްލިޕްކޮޅެއް ކަމަށްވެސް އެ ނޫހުން ބުންޏެވެ.

ތަފާތު ގޮތަކަށް ފަށާފައިވާ އެ ކެމްޕޭނަކީ، ޕްރިންސް އެލްބާޓް ސިޓީގެ ޒުވާނުން ހަރުދަނާކޮށް، ފުލުހުންނާއި ޒުވާނުންގެ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ޒުވާނުންނާ މެދު ފުލުހުން ދެކޭގޮތް ބަދަލުކުރުމަށް ފަށާފައިވާ ކެމްޕެއިނެއް ކަމަށްވެ އެވެ.

"އެކުދީންނަށް އެ ލިބެނީ ރަނގަޅު ކަމެއް ކުރުމުން، 'ޕޮޒިޓިވް ޓިކެޓެއް'ކަން އެނގުމުން އެކުދިން ހިމޭންވާނެ. އުއްމީދަކީ މިކަމުން ޒުވާނުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވުން. އެމީހުންނަށް އަހަރުމެންނާ ވާހަކަދައްކާލަން ފަސޭހަވުން،" ޕްރިންސް އެލްބާޓު ސިޓީގެ ފުލުހުންގެ ކޮންސްޓެބަލް ރޮބް ލިންޑްސޭއާ ހަވާލާދީ ބީބީސީގައި ވެއެވެ.

މިނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ "ޕޮޒިޓިވް ޓިކެޓިން ޕްރޮގްރާމް" އަކީ ޕްރިންސް އެލްބާޓު ސިޓީގައި ހުންނަ ވިޔަފާރި ކުރާ އޮފީސްތަކުން ފަންޑުކޮށްގެން ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށް ބީބީސީ ބުނެއެވެ.