ޒުވާނުންނަށް ހާއްސަކޮށްގެން ވަޒީފާއާ ބެހޭ މައުލޫމާތުތައް ފޯރުކޮށްދީ ވަޒީފާގެ ފުރުސަތުތައް އިތުރަށް ފަހިކޮށް ދިނުމަށް "ކެރިއާ ޑޭ" ގެ ނަމުގައި ހާއްސަ ހަރަކާތެއް ހިންގަން އެސްޓީއޯ އިން ނިންމައިފި އެވެ.

ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން އަންނަ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ އެ ހަރަކާތާ ބެހޭގޮތުން އެ ކުންފުނީގެ ސީނިއާ ޕަބްލިކް ރިލޭޝަން އަދި މީޑިއާ އޮފިސަރު އައިމިނަތު އަގީލް ވިދާޅުވީ، އެ ހަރަކާތަކީ ޒުވާނުންނަށް ރާއްޖޭގެ ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރު އަންގައިދީ އެ ވަޒީފާތަކަށް ކުރިމަތިލައި، ކާމިޔާބު ކުރާނެ މަގު ފަހިކޮށްދިނުމަށް ބާއްވާ ހާއްސަ ހަރަކާތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ވަކި ހިސާބަކަށް ކިޔަވާފައި ދެން ހުއްޓާލާފައި ތިބި ކުދިން ވެސް. ކެރިއާ ޑޭގެ ބޭނުމަކީ އެފަދަ ޒުވާނުންނަށް ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް ހުރިވަރު އަންގައިދީ ކުރިއަށްދާނެ މަގު ފަހިކޮށް އެ މައުލޫމާތުތައް ދިނުން،" އައިމިނަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކެރިއާޑޭގައި ޖުމްލަ 15 ދާއިރާއަކުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރު އަންގައިދޭނެ ކަމަށެވެ. އެގޮތުން މެރިޓައިމާއި، ސިއްހީ ދާއިރާއާއި އިންޖީނިއަރިން އަދި އައިޓީ ފަދަ ދާއިރާތަކުން ޒުވާނުންނަށް މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވަޒީފާގެ އިންޓަވިއުއަށް ދާއިރު އިންޓަވިއުއަށް ތައްޔާރުވެ، އިންޓަވިއުތަކުން ފާސްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގްރޭޑް ހަޔަކުން މަތީގެ ސްކޫލް ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ކެރިއާ ޑޭ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ.